ދެ ގަޑިއިރު ފަހުން ކަރަންޓު ލިބިއްޖެ

މިއަދު ހެނދުނު 9:40 ހާއިރު މުޅި މާލެއިން ކަރަންޓް ކެނޑުމަށްފަހު ދެ ގަޑިއެއްހާއިރު ފަހުން ކުރިއެކޭ ވެސް އެއްގޮތަށް ކަރަންޓު ލިބިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ހެނދުނު މުޅި މާލެއިން ކަރަންޓް ކެނޑެން ދިމާވީ އެ ކުންފުނީގެ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އޭގެ ދެގަޑިއެއްހާއިރު ފަހުން ކުރިއެކޭ އެއްގޮތަށް ހުރިހާ ސަރަހައްދަކަށްވެސް ކަރަންޓް ފޯރުކޮށްދެވިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މާލެއިން ކަރަންޓް ކެނޑުމަކީ ދޭތެރެދޭތެރެއިން އަބަދުވެސް ދިމާވަމުންދާ މައްސަލައެކެވެ.
މާލެއިން ކަރަންޓް ކެނޑިފައި މިވަނީ ސްޓެލްކޯއިން ހިންގާ އިންޖީނުގެތަކުގެ އިސްވެރިން މާލެ ގެނެސް މަހާސިންތާއެއް ކުރިއަށް ގެންދާ ވަގުތެއްގައެވެ. ދިހަ އަހަރަށް ފަހު ސްޓެލްކޯއިން ބާއްވާ މި މަހާސިންތާގައި އެ ކުންފުނިން ކަރަންޓުގެ ޚިދުމަތްދޭ ހުރިހާ ރަށެއްގެ އިންޖީނުގޭގެ ވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެ އިންޖީނުގެތަކުގައި ހުރި މައްސަލަތަކާއި ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގައި ޚިދުމަތް ދެވޭނެ ގޮތްތަކާ ބެހޭ ގޮތުން މިމަހާސިންތާގައި މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައެވެ.
ހަފްތާއަކަށް ކުރިއަށް ގެންދާ މިމަހާސިންތާގެ ސަބަބުން އިންޖީނުގޭގެ ހިންގުން މިހާރަށްވުރެ ބޮޑަށް ހަރުދަނާ ވެގެންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ