މަސީހުގެ އިސްތިއުފާއަށް ފުވައްމުލަކު ރައްޔިތުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެދާއިރާއެއް ތަމްސީލު ކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިން އިސްތިއުފާ ދެއްވުމަށް ދާއިރާގެ ރައްޔިތުން މިއަދު ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ދޫކުރައްވައި މަސީހު ގެޔަށް ވަޑައިގަތުމަށް އެދާއިރާގެ ރައްޔިތުން ގޮވާލާފައި މިވަނީ މިއަދު ހަވީރު ފުވައްމުލަކު ދެކުނު ދާއިރާގައި ރައްޔިތުން ބޭއްވި އިހުތިޖާޖު ކުރުމެއްގައެވެ. މި އިހުތިޖާޖުގައި އެދާއިރާގެ އެތައް ސަތޭކަ ރައްޔިތުންނެއް ބައިވެރިވިއެވެ.
އިހުތިޖާޖުގައި ބައިވެރިވި ރައްޔިތުން ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި މަސީހާމެދު ރައްޔިތުންތިބި ގޮތް ވަރަށް ރީއްޗަށް ހާމަވެގެންގޮސްފައިވާ ކަމަށާއި ރައްޔިތުންގެ އަގުލަބިއްޔަތުން މަސީހުއަށް އިތުބާރު ނެތްކަމަށް ނިންމައިފި ކަމަށެވެ. އެހެންކަމުން ދެން ދާއިރާގެ މަޖިލީސް ގޮނޑީގައި މަސީހު އިންނެވުމުގެ ބޭނުމެއް ނެތް ކަމަށާއި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހަކު ދާއިރާ ތަމްސީލުކުރުމުގެ ނަމުގައި ރައްޔިތުންގެ ގޮނޑިއެއްގައި އިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މަސީހުގެ އިސްތިއުފާއަށް އެދާއިރާގެ ރައްޔިތުން ގޮވާލާފައި މިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ ދެކުނު ދާއިރާގެ ގޮނޑި މަސީހު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ޝަޒީމް މުހައްމަދު އެތައްސަތޭކަ ވޯޓުގެ ބޮޑުތަފާތަކުން ބަލިކުރައްވައި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ފަލާހު ޝަރީފު ކާމިޔާބު ކުރައްވާފައިވަނިކޮށެވެ. މި ގޮނޑި ޕީޕީއެމްއަށް ކާމިޔާބުކޮށްދިނުމަށް އަބްދުﷲ މަސީހު އަމިއްލަ ހައިސިއްޔަތުންނާއި އެނޫންވެސް ގޮތްގޮތުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވެއެވެ. އަދި މި ވޯޓުގައި މަސީހާ ދެކޮޅަށް މަސައްކަތް ކުރައްވާކަމަށް ބެލެވިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ފުލުހަށް ހާޒިރުކޮށް ޖުމްހޫރީ ޕާޓީގެ މަސައްކަތްތަކާއި މެދު ސުވާލުވެސް ކުރެވިފައިވެއެވެ.
ފައިސަލް ނަސީމަކީ ކާށިދޫ ދާއިރާގެ މަޖިލިސް މެމެްބަރު ކަމަށް ވިޔަސް ފައިސަލް ނަސީމް ނިސްބަތްވެވަޑައިގަންނަވަނީ ފުވައްމުލަކު ދެކުނު ދާއިރާއަށެވެ. އަދި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމުވެސް ނިސްބަތްވެވަޑައިގަންނަވަނީ މިދާއިރާއަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމަށް ރައްޔިތުން ބުނަމުން މިދަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރަން މަޖިލީހަށް ހުށައެޅުމާ ގުޅިގެން މަސީހުގެ މަގާމު ދިފާއު ކުރުމުގެ ގޮތުން މަޖިލީހުގެ އާއްމު ގަވާއިދު މުގުރާލައި މަޖިލީހުގެ ޕީޕީއެމްގެ މެންބަރުން ކަންތައްތަކެއް ކޮށް އަދި މަސީހުގެ އިތުބާރުނެތްކަމަށް ފާސްކުރަން އުޅުނު އިސް މެންބަރުންގެ ބޮލުގައި އެކިއެކި އިލްޒާމުތައް އަޅުވައި ހައްޔަރުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްފައިވާތީ އެކަމަށް ރައްޔިތުންގެ ބަސް އިއްވުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ