ހަސަން ސައީދުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލުކޮށްފި

ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލީ އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހަށް ހާޒިރުވާން އެންގުމުން، ފުލުހަށް ހާޒިރު ނުވެ ފިއްލަވައިގެން އުޅުއްވި ކަމަށް ބުނެ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ އާއި ދެކޮޅަށް ހުކުމް ކުރީ 2018 ވަނަ އަހަރުގެ ޖުލައި19 ވަނަ ދުވަހު އެވެ.
އޭނާ ޖަލު ހުކުމް ހަމަވުމުން އެ އަހަރުގެ ނޮވެމްބަރު މަހު ދޫކޮށްލާފައިވެ އެވެ.
އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅުމުން މައްސަލަ މިއަދު ނިންމާފައިވަނީ އޭނާ އާއި އެއްކޮޅަށެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި ކަން އެނގޭނެ ހެއްކެތް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އެ މައްސަލައިގައި ފުލުހުން ނެރުނީ ހަސަން ސައީދުގެ މައްސަލަ ބަލަމުންދާކަން އަންގާ ނޫސްބަޔާނެއް ކަމާއި، އެއީ އާންމު އުސޫލުން ފުލުހަށް ހާޒިރުވާން އަންގާ އެންގުމެއް ނޫންކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އާންމު އުސޫލާ އެއްގޮތަށް ތަހުގީގަށް ހާޒިރުވާން އެންގިކަން ދައުލަތަށް ދަށު ކޯޓުގައި ސާބިތުކުރެވިފައި ނުވާ ކަމަށްވެސް ހުކުމުގައިވެ އެވެ އޭގެ އިތުރުން ހަސަން ސައީދު ކުރި އަމަލަކުން ހުރަސް އެޅިގެން ދިޔައީ ކޮން ގާނޫނަކަށް ކަން ދައުލަތުން ދެއްކި ވާހަކަތަކުން އެނގެން ނެތް ކަމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.
ހަސަން ސައީދުގެ ޝަރީއަތް ހައި ކޯޓުން ބާއްވާފައިވަނީ އޮންލައިންކޮށެވެ. މިއީ އެ ކޯޓުން ބޭއްވި ފުރަތަމަ އޮންނައިލް ޝަރީއަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ