ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް، ދިވެހިރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާދިނުމުގައި އެމަނިކުފާނުގެ އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ދެމި ހުންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ޕާޓީތަކުގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މަގާމުގައި ހުންނެވިހާ ދުވަހަކު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ލީޑަރަކަށް އަދި އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ވިޔަނުދެއްވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް، ދިވެހިރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާދިނުމުގައި އެމަނިކުފާނުގެ އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި އަދި އެހީތެރިއެއްގެ ގޮތުގައި ދެމި ހުންނާނެކަމަށެވެ.
ރިޔާޒް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އުންމީދީ ބަދަލެއްކަމަށާ އުފާވެރި ދިރިއުޅުމެއްކަމަށެވެ.
އަދި ރައްޔިތުން އެދެނީ ލިބޭ އާމްދަނީ އިތުރުވާނެ ފުރުސަތުތަކެއްކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި، ސަރުކާރުގައި ހިމެނޭ ޕާޓީތައް ގުޅިގެން ވާދަކުރުމަށް ކުރިން އެއްބަސްވެ، ޕާޓީތަކުން ވާދަކުރާނެ އިންސައްތަވެސް ކަނޑައަޅާފައިވަނިކޮށް، އެމްޑީޕީން ވަނީ އެއްބަސްވުމާއި ޚިލާފުވެ މަޖިލީހުގެ އިންތިޚާބަށް ޕާޓީތަކުން ވަކިން ވާދަކުރަން ވަނީ ނިންމާފައެވެ. އެކަމާއި ގުޅިގެން ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ މެދުގައި ބައެއް ފަހަރު ބަހުގެ ހަމަލާތައް ބަދަލުކުރެވެއެވެ. ޚާއްސަކޮށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއެވެ.
ނަމަވެސް ރައީސް ސޯލިހް ގެންދަވަނީ ވެރިކަމަށް ވަޑައިގެންނެވުނީ ކިހިނެތްކަން ހަނދާން ނުނެތޭނެކަމަށް ވިދާޅުވާ ވިދާޅުވުން ވަރަށް ގިނަ ޖަލްސާތަކުގައި ތަކުރާރުކުރައްވަމުންނެވެ. އަދި އެއްވެސް ލީޑަރަކަށް އެމަނިކުފާނުގެ ވެރިކަމުގައި ދެރަގޮތެއް ނުވާނެކަމަށްވެސް ރައީސް ސޯލިހް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ދެމި ހުންނާނަން: އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ