މަސްތުވާތަކެތިން ގައުމު ސަލާމަތްވާނީ ތެދުވެރިކަމާއެކު ސަމާލުވެގެން: މިނިސްޓަރު އުމަރު

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމުގައިވާއިރު އެކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުވެ ތިބުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ. މިއަދު ފާހަގަ ކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބާގައި ހޯމް މިނިސްޓަރު ދެއްވި ހިތާބުގައި އުމަރު ވިދާޅުވީ މަސްތުވާތަކެތި އާންމުވުމުގެ ގައުމީ ބޮޑު މައްސަލަ ހައްލު ކުރެވޭނީ އާއިލާތަކާއި ގާނޫނު އެކުލަވާލާ ފަރާތްތަކާ ގާނޫނު ތަންފީޒު ކުރާ ބާރުތައް އަދި އިންސާފުގެ ދާއިރާގެ ލޯ އެކަމަށް ތެދުވެރިކަމާއެކު ސަމާލުވެގެން ކަމަށެވެ. މުޖުތަމައުގެ ކޮންމެ ފަރުދަކީ ވެސް އެ މީހެއްގެ ވާޖިބު އަދާކުރާ މީހެއް ކަމުގައި ވެއްޖެ ނަމަ، މަސްތުވާތަކެތިން މި ގައުމު ސަލާމަތްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމަށް އުމަރު ވިދާޅުވި އެވެ. ނަމަވެސް މަސްތުވާތަކެތީގެ ވަބާ ހުއްޓުވުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ބޭނުން ކުރާ މީހުންގެ އާއިލާތަކުން އެކަން ސިއްރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "ދިހަ ބާރަ އަހަރު ވަންދެން އޭނާ ބޯ އެއެއްޗެއް ބޮއި އެންމެ ފަހުން ހަތިޔާރު ހިފައިގެން އައިސް މަންމަގެ ރަންފަށްޓަރުބައި ދަމައިގަތީމާ ދެން ފުލުހުންނަށް ރިޕޯޓް ކުރެއްވޭ ގޮތް ވާ ނަމަ، ދެން އެފަދަ މީހަކު އިސްލާހު ކުރުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއް،" އުމަރުގެ ހިތާބުގައިވެ އެވެ. ުއުމަރު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފުމަކީ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމަކީ ބައްޔެއް ނޫން ކަމަށާއި އެކަމަކީ ހުތުރުކަން ބޮޑު ފާފައެއް ކަމަށެވެ. މަސްތުވާތަކެތީގެ ހުތުރު އަމަލުގެ ތެރެއަށް ވެއްޓި ނުގަނެ ހަމަ ކޮންމެ މީހަކަށް ވެސް އޭނާގެ ހަޔާތް ބާއްޖެވެރި ކުރެވިދާނެ ކަމަށާއި ބޭނުން ވަނީ އިމާންތެރިކަމާއި އޯގާވަންތަ ﷲ އާމެދު އުއްމީދު ކަނޑާނުލުން ކަމަށް ވިދާޅުވި އެވެ. މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ނުވެގެން އުޅެނީ އެވެނި މިވެނި ސަބަބަކާ ހުރެ ކަމަށް ބުނެ އެކި ފަރާތްތަކާ ދިމާލަށް އިނގިލި ދިއްކުރުމުގެ އެ އިނގިލި އެންމެ ފުރަތަމަ ދިއްކުރަންވީ އެ މީހަކާ ދިމާލަށް ކަމަށް ވިދާޅުވި އެވެ. އަދި އެ ހިސާބުން ޒިންމާދާރު ކަމާ އެކުު މަސްއޫލިއްޔަތުތައް އުފުލާ އެފަދަ އެތައް ބަޔަކު ހިމެނޭ މުޖުތަމައުއެއްގައި ކުށް ކުރުން އޮންނާނެ ކަމާ މެދު ސުވާލުއުފެ ދޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ