އިދިކޮޅު ފަރާތްތަކުން އުޅެނީ ކޯޓުތައް މެދުވެރިކޮށް ފުލުހުންގެ ބާރު ކަނޑުވާލަން: އަލީ ވަހީދު

ކޯޓުތައް މެދުވެރިކޮށް ފުލުހުންގެ ބާރު
ކަނޑުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރާ މެދު ދޮގު ތުހުމަތުކުރުން ހުއްޓުވުމަށް އެމްޑީޕީން ހިންގާ "ދެން ތިޔަހެނެއް
ނުކިޔޭނެ" ކެމްޕޭންގައި ހަރުގޭގައި މިރޭ ބޭއްވި ޖަލްސާއެއްގައި އޭނާ ވިދާޅުވީ ރައްޔިތަކު ކުށެއް ކޮށްފިނަމަ 24 ގަޑިއިރު ވަންދެން ހިފެހެއްޓުމުގެ
ބާރު
ފުލުހުންނަށް ގާނޫނޫ އަސާސީން ލިބިދޭ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން
ކޯޓުތައް މެދުވެރިކޮށް އެ ބާރު ކަނޑުވާލަން މަސައްކަތްކުރަމުންދާ
ކަމަށާއި ކޯޓުތަކުން ވެސް ވަކި ބަޔަކަށް ތަފާތުނުކޮށް އިންސާފުން ކަންތައް
ކުރުމަށް ގޮވާލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންސާފުން ކަންތައްތައް
ނުކުރެވެންޏާ އެމްޑީޕީން މަގުމައްޗަށް ނިކުންނާނެ ކަމުގެ އިިންޒާރު ވެސް އަލީ ވަހީދު ދެއްވި އެވެ.އަލީ ވަހީދު ވިދާޅުވީ އެއްވެސް މީހަކަށް އަނެކަކީ ކާފަރެއް ކަމަށް
ނުބުނެވޭނެ ކަމަށާއި "އެ މީހުން ގަބޫލްކުރާ ކޯޓުތަކަށް ގޮސް" އެމްޑީޕީގެ
އެއްވެސް މެމްބަރަކީ ކާފަރެއް ކަމަށް ސާބިތުނުކުރެވޭނެ ކަމަށެވެ. އަދި
ހަގީގަތެއް ނެތް ވާހަކަތައް ނުދެއްކުމަށް އޭނާ ސިޔާސީ
އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ "ފުރަމާލެ އަކީ އެމްޑީޕީގެ ކިއްލާއެއް" ކަމަށާއި އިދިކޮޅު
ފަރާތްތައް ބޭނުންވާ ގޮތް މާލޭގައި ނުހެދޭނެ ކަމަށެވެ. އަދި "މި ހަލަބޮލިކަމުގެ ތެރޭގައި" ބޭއްވި ބައި އިލެކްޝަންގައި އަތޮޅު
ކައުންސިލްގެ ގޮނޑިތައް އެމްޑީޕީން "ތިނެއް ސުމަކުން" ގެންގޮސްފައިވާ
ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަކިވަކިން ބާއްވާ
އެއްވުންްތަކަށް ބަޔަކު ނުދާނެ ކަމަށެވެ. އަދި ދީނަކީ ކުރީގެ ރައީސް
މައުމޫން އަބްދުއްގަޔޫމް ގެނައި އެއްޗެއް ނޫން ކަމަށާއި އިދިކޮޅު
ފަރާތްތަކުން ބާއްވާ އެއްވުންތަކަށް މީހުން ދަނީ ދީނުގެ ހިމާޔަތުގައި
ވާހަކަ ދައްކާ ކަމަށް ބުނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ މި ވެރިކަން ވައްޓާނުލެވޭނެ ކަމަށާއި ސަރުކާރުން
ވައުދުވެފައިވާ ގޮތަށް 8000 ފްލެޓް 2013ގެ ނިޔަލަށް އަޅާ ނިމޭނެ ކަމަށެވެ.
އަދި މި އަހަރު ވެސް ރައްޔިތުންނާ ބައްދަލުކުރީ އެއްލައްކަ ރުފިޔާގެ ސިއްހީ
ހިދުމަތުގެ ޕެކޭޖަކާ އެކު ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން
ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮންނަ ތާއިދު ބޮޑުވަމުން އަންނަ ކަމަށް ވެސް
އޭނާ ވިދާޅުވި އެވެ. "ގުޅީފަޅު އެއީ މީހުން ދިރިއުޅޭ ތަނެއް ކަމުގައި ހަދައިދޭނަން. އަދި
އަޅުގަނޑުމެންގެ ވައުދުތައް ނިންމުމަށް ފަހު އަޅުގަނޑުމެންގެ ޒައީމުގެ
ވައުދުތައް ވެސް ފުއްދައިދޭނެނަން. ތިރީސް އަހަރުގެ ގޮތް ހުސްވީމަކާ ނޫން
ބުރިޖު އަޅާނީ. އަޅުގަނޑުމެން އެ ބުރިޖް ވެސްް ފެންމައްޗަށް ގެންނާނަން،"
އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޒުވާނުންގެ ނަމުގައި މުޒާހަރާކުރުމަށް އިދިކޮޅު
ފަރާތްތަކުން ތައްޔާރުވާއިރު އެމްޑީޕީން ވެސް އިދިކޮޅަށް ނުކުންނާނެ
ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޕޯޑިއަމަށް އަރުވާ ކޮންމެ
މެމްބަރަކަށް މެމްބަރަކު އެމްޑީޕީގެ ޕޯޑިއަމަށް އަރުވާނެ ކަމަށާއި
ރައްޔިތުން ބަލައިގަންނަނީ ކޮންބައެއްތޯ އޭރުން އެނގޭނެ ކަމަށް ވެސް އަލީ
ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ