އަޅުގަނޑަކީ ފުލުހުންނާއި ސިފައިންގެ މުއައްސަސާ ހަލަބޮލިކުރާ މީހެއް ނޫން: ޔާމީން

ސިފައިންނާއި ފުލުހުންގެ މުއައްސަސާ ހަލަބޮލިކުރައްވަން މަސައްކަތް ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު 00: 11 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ، ސިފައިންނާއި ފުލުހުންގެ ތެރެއިން ވަޒީފާއިން ވަކިވާ ފަރާތްތަކަށް، އެހެން ތަނަކުން ވަޒީފާ ހޯދައިދޭނެ ކަމަށް، މިދިޔަ ހަފުތާގައި ބޭއްވި މުޒާހަރާއެއްގައި ވިދާޅުވެފައިވާތީ ކަމަށެވެ.
ޔާމީން ވިދާޅުވީ، ގާނޫނާ ހިލާފު އަމުރަކަށް ތަބާނުވުމުގެ ސަބަބުން ސިފައިންނާއި ފުލުހުންގެ ހިދުމަތުން ވަކިވެއްޖެނަމަ، އެހެން ވަޒީފާއެއް ހޯދައިދޭން މަސައްކަތް ކުރައްވަން ހިޔާލު ކުރައްވާ ކަމަށް މިއަދުގެ ތަހުގީގުގައި ވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
"އެކަމަކު އެއީކީ ސިފައިން ނުވަތަ ފުލުހުންގެ ހިދުމަތުގައި ތިއްބައި އެ މީހުންނަށް ކަންތައްތަކެއް ކޮށްދޭ ވާހަކައެއް ނޫނޭ. އަޅުގަނޑަކީ އެއްގޮތަކަށް ވެސް ފުލުހުންގެ މުއައްސަސާ ނޫނިއްޔާ ސިފައިންގެ މުއައްސަސާއާ ދޭތެރޭގައި ހަލަބޮލިކަން އުފައްދަން އުޅޭ މީހެއް ނޫން. އެހެން ނަމަވެސް ތަކުރާރުކޮށް ދެންނެވިން އަދި ތަކުރާރުކޮށް މީޑިއާ މެދުވެރިކޮށް ވެސް މި ދަންނަވަނީ ސިފައިންނާއި ފުލުހުންނަށް މި އިލްތިމާސް ކުރަނީ ގާނޫނާ އެއްގޮތް އަމުރަށް ތަބާވާށޭ. ގާނޫނާ ހިލާފު އަމުރެއް ކަމަށް ވަންޏާ އެއަށް ތަބާވާކަށް ނުޖެހޭނެއޭ،" މޯލްޑިވްސް ޕޮލިސް ސާވިސް ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރުން، ސިފައިންނާއި ފުލުހުންގެ ތެރޭގައި ކުށްކުރާ މީހުން ތިބޭ ކަމަށް ޔާމީން އެއްވުމެއްގައި ވިދާޅުވެފައިވާތީ އެކަމާ ބެހޭ ގޮތުން ވެސް ފުލުހުން ސުވާލުކުރި ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ގޮތުން އެހެން ޔާމީން ވިދާޅުވީ ވަކި ބަޔަކަށް ނިސްބަތްކޮށްތޯ ފުލުހުން ސުވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެ ވާހަކައިގެ މުރާދަކީ ސިފައިންނާއި ފުލުހުންނަކީ އިންސާނުން ކަމަށްވާތީ އެ މީހުންގެ ތެރޭގައި ވެސް ހަމަ ޒަރޫރީ ގޮތުން ނުވަތަ ތަބީއީ ގޮތުން ހައްގުތަކަށް އަރައިގަންނަ ކަންތައްތަކަކީ ހަމަ ހުންނާނެ ކަންތައްތަކެކޭ. އެއީ ވަކި ހާލަތެއްގައި ވަކި އޮފިސަރުންނަކަށް ނުވަތަ ވަކި ބަޔަކަށް ނިސްބަތްކޮށް ދެއްކި ވާހަކައެއް ނޫނޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ފުލުސް އޮފީހަށް ހެނދުނު 11 ޖެހިއިރު ހާޒިރުކުރުމަށް ފަހު ތަހުގީގު ނިމުނީ ދެ ގަޑިއެއްހާއިރު ފަހުންނެވެ. ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރިއިރު ސިފައިން ވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓައިފަ އެވެ.
ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރިއިރު، ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ މަސްރަހުގެ ހާލަތާ ބެހޭ ގޮތުން ޑިޕްލޮމެޓިކް މިޝަންތަކަށް މައުލޫމާތު ދެއްވުމަށް ލަންކާއަށް މިއަދު ހަވީރު ފުރާވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ