ގުރުއާނާ ބެހޭ މަރުކަޒު ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އެޅުމަށް ފަންޑު ލިބޭތޯ ބަލަނީ

ގުރުއާނާ ބެހޭ މަރުކަޒު ހިންގާ ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ޓަކައި ބޭރުގެ ފަރާތްތަކާ އެކު މަޝްވަރާކޮށް ފަންޑު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލް ވިދާޅުވީ އެ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޓަކައި 10 ބުރީގެ އިމާރާތެއްގެ ޕްރޮޕޯސަލް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް، އެ މިނިސްޓްރީން ބޭނުންވަނީ ވީހާ އުސް އިމާރާތެއް އެޅުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މި އިމާރާތާ ބެހޭ ގޮތުން ޔޫއޭއީ ސަރުކާރާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ބައެއް ފަރާތްތަކުން ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވާ ކަމަށެވެ.
"ކުރީގެ ސަރުކާރު އޮތްއިރު އެތަނުގައި ތިން ބުރީގެ އިމާރާތެއް އެޅުމަށް ޔޫއޭއީ އިން ވަނީ އެހީއެއް ދީފައި. އެހެން ނަމަވެސް މާލޭގެ ބިމުގެ ދަތިކަން ހުރިއިރު، އެތަނުގައި ތިން ބުރީގެ އިމާރާތެއް އެޅުމަކީ ބިން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތް ނޫން ކަމަށް ފެންނާތީ އެގޮތަށް )ބޮޑު އިމާރާތެއް އެޅުމަށް( މިހާރު ވާހަކަ ދެކެވެމުން މިދަނީ." އަހުމަދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫއޭއީ އިން ތިން ބުރީގެ އިމާރާތެއް އެޅުމަށް އެހީ ދީފައި ވަނީ އިމާރާތުގައި ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ ކްލާސްތައް ހިންގުމަށް ޝަރުތު ކޮށްފައި ކަމަށެވެ.
އެ މަރުކަޒަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ އިރު، އެ މަރުކަޒުގެ އެކި ކުލާސްތަކުގައި 1600 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ. މީގެ ތެރޭގައި ގުރުއާން މުދައްރިސުން ތަމްރީނު ކުރުމުގެ އެޑްވާންސް ކްލާސްތަކާއި ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ތަޖްވީދު މަގަށް ގުރުއާން ކިޔަވަށް ދަސްކޮށްދޭ ކްލާސްތައް ވެސް އެތަނުން އަންނަނީ ހިންގަމުންނެވެ. އެ މަރުކަޒުން ބުނީ، އިމާރާތުގެ ދަތިކަމާ ހެދި، މާލެ އާއި ހުޅުމާލެ އާއި ވިލިނގިލީގެ ބައެއް މިސްކިތްތަކުގައި ވެސް ގުރުއާން ކްލާސްތައް ހިންގަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ