މަޖިލީހުގެ ގަވާއިދުގެ އަކުރަކާ ބެހޭ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އިއްވުމުގައި އަމަލުކުރީ ގާނޫނާ ހިލާފަށް: މެމްބަރު ނަޝީދު

ސުޕްރީމް ކޯޓުން ހުކުމެއް ކުރާ އިރު ހުރިހާ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާ ގޮތް ވަކިވަކިން އިއްވަންވާނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ އަކުރަކާ ބެހޭ ޝަރީއަތުގެ ހުކުމް، އިއްވެވީ އެ ގޮތަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެ މައިގަނޑުގެ މައްޗަށް ބިނާކުރައްވާ ނަޝީދު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވަނީ މިދިޔަ ހުކުރު ވިލޭރޭ ސުޕްރީމް ކޯޓުން ހުކުމް އިއްވުމުގައި އަމަލްކުރީ "ގާނޫނާ ހިލާފަށް" ކަމަށެވެ.
"އެ ބޭފުޅުން [ފަނޑިޔާރުން] އެ ހުކުމް އެ ގޮތަށް އެ ކުރެއްވީ، ގާނޫނާ ޚިލާފަށޭ ދަންނަވާކަށް އަޅުގަނޑަކަށް ނުކުރޭނެ އެވެ. އެކަމަކު، އެ ބޭފުޅުން އެ އަމަލުކުރެއްވި ގޮތާއި ގާނޫނުގައި އޮތް ގޮތާ ހަމަ ޔަޤީނުން ވެސް އެއްގޮތް ނޫން ކަމަށް ދަންނަވަން އަޅުގަނޑަށް ކެރިދާނެ އެވެ. ކޯޓުތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާ އެހެން އޮތުމުންނެވެ،" ނަޝީދުގެ އަމިއްލަ ބްލޮގް އެމްނަޝީދު ޑޮޓްކޮމްގައި ލިޔުއްވާފައިވެ އެވެ.
ކޯޓުތަކުގެ ގާނޫނުގެ ހަ ވަނަ މާއްދާގައި ބުނެފައި އޮންނަނީ؛ "ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ނިންމާނީ، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އަދި އެ މަޖިލީހުން ބަލާ ކޮންމެ މައްސަލައެއްގައިމެ އެ މަޖިލީހުގައި ހިމެނޭ ކޮންމެ ފަނޑިޔާރަކު އޭނާގެ ހުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެ އެވެ. އަދި އެ މައްސަލައެއް ނިމުނު ގޮތް ކަމުގައި ވާނީ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުން ވަކިން އިއްވި ހުކުމްތަކުގެ އަޣުލަބިއްޔަތު ނިސްބަތްވާ ގޮތެވެ." މިހެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އާ ބެހޭ ޝަރީއަތުގެ ހުކުމް އައިއިރު ހަތް ފަނޑިޔާރުންގެ ތެރެއިން ޚިޔާލު ތަފާތުވި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ރައުޔު އާއި އަނެއް ހަ ފަނޑިޔާރުންގެ ނިންމުން ވެސް އިއްވެވީ ފަނޑިޔާރު އަލްއުސްތާޒް އަހްމަދު ފާއިޒް ހުސައިން އެވެ. އެހެންކަމުން ކޯޓުތަކުގެ ގާނޫނުގެ ހަ ވަނަ މާއްދާ ބުނާ ގޮތުން ހުކުމް އިއްވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމަލުކުރެއްވީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ލިޔުއްވާފައިވާ ގޮތުގައި މައްސަލައެއް ބަލައި ނިންމުމަށް ހަވާލުވި ބެންޗުގައި ހިމެނޭ ހަމަ ކޮންމެ ފަނޑިޔާރަކުމެ އޭނާގެ ހުކުމް އެ މަޖިލީހުގައި ވަކިން އިއްވަންވާނެ ކަމަށާއި އެ މައްސަލައެއް ނިމުނު ގޮތް ކަމުގައިވާނީ، އެ ފަނޑިޔާރުން ވަކިވަކިން އިއްވި ހުކުމްތަކުގެ އަޣުލަބިއްޔަތު ނިސްބަތްވާ ގޮތް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ކަން ހިނގަމުންދާ ގޮތަށް މުހިންމު ބަދަލެއް ގެނުވި އުސޫލެކެވެ.
މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރުން، ވަކިވަކިން ހުކުމް އިއްވަން ޖެހޭ ކަމަށް ބުނާ ގާނޫނީ އުސޫލު އެގޮތަށް އޮންނަ ބައެއް ސަބަބު އޭނާ ފާހަގަކުރައްވާފައިވެ އެވެ. އެ ގޮތުން އެންމެ ފަނޑިޔާރެއްގެ ބަދަލުގައި ގިނަ ފަނޑިޔާރުން މައްސަލައެއް ބަލަނީ، ވީހާ ވެސް އިންސާފުވެރިކުރުމަށާއި އަދުލުވެރިކުރުމަށާއި ހުރެދާނެ ހިންމިތައް ބަންދުކުރުމަށް ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.
އެއް ފަނޑިޔާރަށް ވުރެ ގިނަ ފަނޑިޔާރުންގެ ނަޒަރުގައި އެއް ގޮތް ހުކުމެއް އައި ކަމަށްވިޔަސް އެ ހުކުމަށް ވާސިލުވުމުގައި ދެ ފަނޑިޔާރެއްގެ ސަބަބުތައް ތަފާތު ވެދާނެކަން ގަބޫލުކުރުމަކީ ވެސް އެ ގޮތަށް އެކަން އޮތުމުގެ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވެ އެވެ.
"އެއް ފަނޑިޔާރުންނަށް ވުރެ ގިނަ ފަނޑިޔާރުން ތިބުމުން، އެއިން ކޮންމެ ފަނޑިޔާރެއްގެ ވެސް އަމިއްލަ ވިސްނުމަށާއި އިޖުތިހާދަށް ފުރުސަތު ލިބި، ތިމާ ދެކޭ ގޮތް މުސްތަގިއްލު ގޮތުގައި ހާމަކުރުމުގެ ފުރުސަތު ލިބިގެންދާކަން. ގައުމުގެ ޝަރުއީ ގާނޫނީ އިލްމު މުއްސަނދިވަނީ ވެސް އަދި ގާނޫނުތަކަށް ދިރުން އައިސް ފުރާފުރިހަމަވަނީ ވެސް، ފަނޑިޔާރުންގެ ހުކުމްތަކާއި އެ ހުކުމްތަކަށް ވާސިލުވި ސަބަބުތަކުގެ ފުރިހަމަކަމާއި ޝާއްބަކަމުގެ މައްޗަށް ކަމުގައިވުން،" އެ ކަމުގެ ސަބަބުތައް ބަޔާންކުރައްވަމުން ނަޝީދު ލިޔުއްވަ އެވެ.
ސުޕްރީމް ކޯޓުގެ ޖުމްލަ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣްލަބިއްޔަތުގެ މައްޗަށް ބިނާވެފައި އޮތް ހުކުމް ހުކުރު ވިލޭރޭ އިއްވެވީ އުއްތަމަ ފަނޑިޔާރު ގިނިކަންޏާ އެވެ.
ނަޝީދު ވިދާޅުވާ ގޮތުގައި އެ ގޮތަށް ހުކުމް އިއްވެވީ ކުރިން އަމަލުކުރައްވަމުން ގެންދެވި ގޮތަށެވެ. ނަމަވެސް އޭރު ކޯޓުތަކުގެ ގާނޫނު ހިނގަން ފެށިތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެ ގާނޫނުގެ އެ މާއްދާ އުވައިލިކަން ނުވަތަ ބާތިލުކަން އެއްވެސް ޝަރުއީ ކޯޓަކުން ނިންމާފައިނުވާ ކަމަށް ވެސް ނަޝީދު ލިޔުއްވަ އެވެ.
"އެހެންކަމަށްވާ އިރު ޝަރުއީ ގާނޫނީ ސައްހަކަން މަތީ އެ ގާނޫނު ދިރިދެމިއޮވެ، އެ ގާނޫނުގައި ބުނާ ގޮތަށް ސުޕްރީމް ކޯޓުގެ ހުކުމް ނައިސް، ކުރިއެކޭ ވެސް އެއް އުސޫލުން އެއް ހުކުމުން ހުކުރު ވިލޭރޭ ނިންމަވައިލެއްވުމުން އެކަން އެ ކުރެއްވީ ކިހިނެއް، ކީއްވެ ބާވައޭ އަޅުގަނޑުގެ ހިތަށް އެރި އެވެ،" ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ