ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ކޯޓަށް ހާޒިރުވެ ވަޑައިނުގެންނެވުމުން އެމަނިކުފާނު ޕާސްޕޯޓް ހިފެހެއްޓުމަށާއި ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކުރުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަބްދުﷲ ހަމީދުގެ މައްޗަށް "މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިނުމުގެ" ކުށުގެ ދައުވާ ކުރުމަށް އެދި ނޮވެމްބަރު ،17 2009 ގައި އެ ކޯޓަށް ހުށަހެޅުނު ފަހުން މިހާތަނަށް ހަތަރު ފަހަރަށް ވުރެ ގިނައިން އެ މައްސަލަ ޝެޑިއުލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަބްދުﷲ ހަމީދު އެއްވެސް ފަހަރަކު ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެހެންވެ އޭނާ ހައްޔަރުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރު ކުރުމަށް ދެ ފަހަރެއްގެ މަތިން ފުލުހުންގެ ކިބައިގައި އެދިފައިވުމުގެ އިތުރުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް އިމިގްރޭޝަނަށް ދެ ފަހަރެއްގެ މަތިން އަންގާފައިވާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
"ފުލުހުން ވެސް ބުނަނީ ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ ހާޒިރުނުކޮށްދެވެނީ ކަމަށް. އެ ގެއިން ވެސް ވިދާޅުވަނީ ރާއްޖޭގައި ވަޑައިގެން ނޫޅުއްވާ ކަމަށް. އިމިގްރޭޝަނުން ވެސް ވިދާޅުވަނީ ހަމަ އެހެން. އޭގެފަހުން ރާއްޖެ ވަޑައިގެންފައިނުވާ ކަމަށް އިމިގްރޭޝަނުން ބުނަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަދި ސަރުކާރުގެ އެންމެ އިސް މަގާމުތަކެއް އަދާކުރެއްވުމުގެ އިތުރުން ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވާ އަބްދުﷲ ހަމީދުގެ މައްޗަށް ދިވެހި ދައުލަތުން ދައުވާކުރަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ. އެކަމަކު އަބްދުﷲ ހަމީދުގެ ފަރާތުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
އަބްދުﷲ ހަމީދުގެ ޕާސްޕޯޓް ހިފަހައްޓައި، ހައްޔަރުކޮށްގެން ނަމަވެސް ހާޒިރުކޮށްދިނުމަށް ކޯޓުން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ