ހިމަންދޫ މައްސަލަ: 53 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރައްވާ ގޮތަށް ހަމަޖައްސަވައި ޝަރީއަތަށް ފޮނުއްވައިފި

އއ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު މީހުންނާއި ގައުމީ ސަލާމަތީ ބާރުތަކާ ދެމެދު މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 53 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ، އަދި ހަތް މީހެއްގެ މައްޗަށް ގައިރު ގާނޫނީ އެއްވުމަކުން ބާރު ދެއްކުމުގެ ދައުވާ ކުރައްވައި އެ އެންމެންގެ މައްސަލަ ޝަރީއަތަށް ފޮނުއްވައިފި އެވެ.
ބަންޑާރަ ނައިބު އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓާނީ ހުސައިން ޝަމީމް ބުރާސްފަތި ދުވަހު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ފުލުހުން މި މައްސަލަ ތަހުގީކޮށް ފޮނުއްވުމުން ދިރާސާ ކުރެއްވުމަށް ފަހު މި މައްސަލަ ޝަރީއަތަށް ފޮނުއްވި އިރު ޓެރަރިޒަމް ދައުވާ ލިބޭ 53 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށާއި އެ ކުދިންގެ މައްސަލަ ފޮނުވާފައި ވާނީ ކުޑަކުދިންގެ ކޯޓަށް ކަމަށެވެ.
"އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ހ. އާއި ށ. އާއި ބ. އަދި ކ. ގެ ދަށުން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރޭގައި ހިމެނޭ 13 އަހަރުގެ ކުއްޖަކާ މެދު ދައުވާ ނުކުރައްވާ ގޮތަށް ނިންމަވައި، އެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައްވާފައިވާ ކަމަށާއި އެއީ 15 އަހަރު ނުވާ ކުއްޖަކު ޖިނާއީ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް އޮންނާތީ ހެއްދެވި ގޮތެއް ކަމަށެވެ.
އަނެއް ހަތް މީހުންގެ މައްޗަށް ޣައިރު ގާނޫނީ އެއްވުމަކުން ބާރު ދެއްކުމުގެ ކުށުގެ ދައުވާ ކުރައްވާފައި ވަނީ ގާނޫނޫލް އުގޫބާތުގެ 46 ވަނަ މާއްދާގެ ހ. އާއި ނ. އާއި ހަވާލާ ދެއްވައި 49 ވަނަ މާއްދާގެ ދަށުންނެވެ.
"މި އެ އެންމެންގެ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފައި. ނުފޮނުވާ އޮންނާނީ ދެން ހަތަރު މީހެއްގެ މައްސަލަ. އެ މީހުންގެ މައްސަލަ ދިރާސާ ކުރަމުން މިދަނީ،" ޝަމީމް ވިދާޅުވި އެވެ.
މި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ދައުވާ އާއި އަނެއް ބައެއްގެ މައްޗަށް މާރާމާރީގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ކޮށްފައި ވަނީ މުޅި ތަފާތު ދައުވާތަކެއްގެ ގޮތުގަ އެވެ. ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން 65 މީހެއްގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ބަންޑާރަނައިބު އޮފީހަށް ފޮނުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި ޓެރަރިޒަމް ދައުވާ އޭރު ކުރައްވާ ގޮތަށް ހަމަޖެހިފައި ވަނީ ހަތަރު މީހެއްގެ މައްޗަށް ކަމަށާއި އެހެން އެންމެންގެ މައްޗަށް އަމަން ނަގާލުމުގެ ދައުވާ ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އޮކްޓޫބަރު 7 ގައި ހިމަންދޫން ގިނަ ބަޔަކު ހައްޔަރުކުރީ، ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށާއި ޖިނާއީ ކުށްތަކާ ގުޅިގެން ހޯދަން ބޭނުންވާ ބަޔަކު އަތުލައިގަތުމަށްޓަކައި ގައުމީ ސަލާމަތީ ބާރުތަކުން އެ ރަށުގައި ހިންގި އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ