ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް ބޭނުންވާ ވަޒީފާތަކާ ބެހޭ ގޮތުން ހަތަރު ދާއިރާ އަކުން ޕްރަޕޯސަލް ތައްޔާރު ކުރައްވައިފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދަވާ 7.5 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން، އުފައްދަވާފައިވާ ހަތަރު ސެކްޓަ ކައުންސިލުން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް ބޭނުންވާ ވަޒީފާތަކާ ބެހޭ ގޮތުން ޕްރަޕޯސަލް ތައްޔާރު ކުރައްވައި ހަޔާ އެޑިއުކޭޝަން، އެމްޕްލޮއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީ މިނިސްޓްރީ އަށް ހުށަހަޅުއްވައިފި ކަމަށް އެ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެ އެވެ.
ޑެޕިއުޓީ ޑައިރެކްޓަރު މަރިޔަމް ނާޒިމާ މިއަދު ވިދާޅުވި ގޮތުގައި ޕްރަޕޯސަލް ހުށަހަޅުއްވާފައިވާ ހަތަރު ދާއިރާ އަކީ ޓޫރިޒަމާއި މަސްވެރިކަމާއި ދަތުރުފަތުރުގެ ދާއިރާގެ އިތުރުން އިޖުތިމާއީ ދާއިރާ (ތައުލީމާއި ސިއްހަތާއި ޖެންޑަ) އެވެ.
"ކޮންމެ ސެކްޓަ ކައުންސިލަކުން ވެސް ވަނީ އެ ދާއިރާއަކުން އެންމެ އިސްކަމެއް ދީގެން ތަމްރީނުކުރަން ބޭނުންވާ ވަޒީފާތައް ފާހަގަ ކުރައްވާފައި. އެ ގޮތުން އެ ސެކްޓަރުތަކުން ހުށަހަޅުއްވާފައިވާ ޕްރަޕޯސަލްތައް އެނަލައިސް ކުރުމުގެ މަސައްކަތް ކުރަން މިހާރު މިއުޅެނީ. އެއަށް ފަހު އެ ދާއިރާތަކުން ޓްރޭނިން މެނުއަލްތައް ތައްޔާރުކޮށް ދުރު މުސްތަގުބަލަކަށް އަމާޒުކޮށްގެން ތަމްރީނުތައް ފަށާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ސެކްޓަ އިން ހުށަހަޅުއްވާފައި ވަނީ ޑައިވަރުންނާއި އެކައުންޓިންގެ ޑިޕްލޮމާ ފެންވަރުގެ މީހުންނާއި ދެ ޖިންސުން ވޭޓަރުން ތަމްރީނު ކުރުމަށް އިސްކަން ދިނުމަށެވެ. ސޯޝަލް ސެކްޓާ އިން ޕްރަޕޯސަލް ހުށަހަޅުއްވާފައި ވަނީ ރިސެޕްޝަނިސްޓުންނާއި އައިޓީގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށެވެ. ޓްރާންސްޕޯޓް ދާއިރާ އިން ކަނޑައަޅުއްވާފައި ވަނީ ޕޯސްޓަލް ނެވިގޭޝަނާއި ޑްރައިވިން އަދި މެރިން އިންޖިނޭރިންގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ ސެކްޓަ ކައުންސިލްގެ ދެ ޕްރަޕޯސަލް ހުށަހަޅުއްވާފައި ވަނީ ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލްގެ މަސައްކަތަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް އަމާޒު ކޮށްގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ