ހޯމް މިނިސްޓަރުކަމުގައި ހުންނަވާއިރު ގާނޫނުގެ ބޭރުން އެއްވެސް ހަރުކަށިކަމެއް ނުދައްކަވާނެ ކަމަށާއި ހުރިހާ ކަމެއްގައި ވެސް އަމަލު ކުރައްވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށް އެ މަގާމަށް މިއަދު އައްޔަން ކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އުމަރު ވިދާޅުވީ ގާނޫނު ދަމަހައްޓައި ގާނޫނުގެ ހުކޫމަތު ހިންގުމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ. އަދި އެކަމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ހަރުކަށި ކަމެއް ގާނޫނުން ބޭރަކުން ނުދައްކާނަން ހަމަ ގައިމު ވެސް. ގާނޫނުގެ ތެރޭގައި، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގެ ތެރޭގައި މަސައްކަތް ކުރާނީ،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާއިރު ގާނޫނުގެ ބޭރުން މީހުން ހައްޔަރުކޮށް ނަހަދާނެ އެވެ. އަދި އެފަދަ އަމުރެއް އުމަރުގެ މައްޗަށް ނާންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގެ ކެމްޕެއިނާއި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކޮރަޕްޝަނާއި ގޭންގްތައް އޮޕަރޭޓް ކުރާ ކަމުގެ ތުހުމަތު އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާއިރު ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތް ކުރައްވަނީ ކީއްވެތޯ ދެންނެވުމުން އުމަރު ވިދާޅުވީ "އޭގެ އެއްވެސް މައްސަލައެއް އޮތްހެނެއް ހީނުވާ" ކަމަށެވެ. ސަބަބެއް ކަމަށް އުމަރު ވިދާޅުވީ "އަޅުގަނޑާއި ޔާމީނަކީ އޭގެ ކުރިން ވެސް ވަރަށް ގާތް އެކުވެރިން" ކަމަށް ވުމެވެ.
"އަޅުގަނޑުމެން އެއްކޮށް ޕީޕީއެމް ވެސް އުފެއްދީ. އަދި އަޅުގަނޑުމެން އެއްކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރީމު. އެހެންވީމާ އަޅުގަނޑަށް ހީއެއް ނުވޭ އޭގެ ސަބަބުން އެއްވެސް ކަހަލަ އުނދަގުލެއް އަންނާނެހެން އަޅުގަނޑަށް،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ކަމަށް އުމަރު އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ރޭ އެގޮތަށް ފާސްކޮށް ސަރުކާރަށް ނަން ހުށަހެޅުމުންނެވެ.
ގާނޫނުގެ ބޭރުން ހަރުކަށިކަމެއް ނުދައްކާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ