ފަނޑިޔާރުން ހުވާކުރުން ސުޕްރީމް ކޯޓުން ފަސްކުރުވައިފި

މެޖިސްޓްރޭޓް ކޯޓުތަކަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންތަކެއް ހުވާކުރުން ސުޕްރީމް ކޯޓުން އަންގައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފަސްކޮށްފި އެވެ.
ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި ފަނޑިޔާރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިއަދު 45: 3 ގަ އެވެ. ނަމަވެސް 15: 3 ހާއިރު ޖޭއެސްސީން ވަނީ އެ ރަސްމިއްޔާތު ކެންސަލްކޮށްފައިވާކަން އަންގައިފަ އެވެ. އަދި އޭގެ ފަހުން އެ ކޮމިޝަނުން ފޮނުވި ފެކްސެއްގައި ބުނެފައި ވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ކެންސަލް ކޮށްފައި ވަނީ ސުޕްރީމް ކޯޓުން އަންގައިގެން ކަމަށެވެ.
"ފަނޑިޔާރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު، ސުޕްރީމް ކޯޓުން ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ އެ ފަރާތުން މިކަން ފަސްކޮށްދެއްވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ދަންނަވާފައިވާތީ، އެ ދެންނެވުމާ އެއްގޮތަށް މި ރަސްމިއްޔާތު ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" އެ ފެކްސްގައިވެ އެވެ. "މި ރަސްމިއްޔާތު ދެން ބޭއްވޭނެ ދުވަހަކާއި ވަގުތެއް ފަހުން އަންގާނެ ކަމުގައި ވެސް ދެންނެވީމެވެ."
ސުޕްރީމް ކޯޓުން ބަލަން ބޭނުންވަނީ ކޮން ކަންތައްތަކެއް ކަމެއް ޖޭއެސްސީން ފޮނުވި ފެކުހުގައި ބުނެފައެއް ނުވެ އެވެ. އަދި މިހާތަށް އެއީ ކޮން ކަމެއް ކަން ސާފުވާ ގޮތް ވެސް ވަނީ ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ