ސުޕްރީމް ކޯޓުގެ އަމުރުން އެކައްޗެއް ވެސް ނޭނގުނު: ކޮންޓްރޯލަރު

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރު، ބާތިލުކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގާނޫނީ ކަންތައް ސާފުކުރުމަށްޓަކައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހުއްޓާލުމަށް ހައި ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލްވީ، ހައި ކޯޓުގައި އެ މައްސަލަ ބެލުމަށް އެކުލަވައިލި ފަނޑިޔާރުންގެ ބެންޗަށް، ގާނޫނާ ހިލާފަށް ބަދަލު ގެނެސްފައިވާ ކަމަށް ކަނޑައަޅައި އެ ބެންޗުގެ ހުރިހާ ނިންމުންތަކެއް ސުޕްރީމް ކޯޓުން ބާތިލްކުރުމާ ގުޅިގެންނެވެ.
ހައި ކޯޓުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުނީ، ބޯޑާ ކޮންޓްރޯލް ސިސްޓަމް ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެމިގްރޭޝަނަށް އެންގި އެންގުން، އެ ގޮތަށް ނޭންގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. އެ އިސްތިއުނާފުގެ ހުރިހާ އަޑުއެހުންތަކެއް ވެސް ހައި ކޯޓުގައި ބޭއްވީ ފަހުން އެކުލަވައިލި ބެންޗުންނެވެ. އެ ބެންޗުން ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާ ވެސް ލައިފަ އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ "މެންޑަމާސް އަމުރު"ގައި ހުރި ތާރީހުތައް ފަހުމްނުވާތީ އާއި އޭގައި ހުރި ތާރީހުތަކާއި މި މައްސަލާގައި ކުރިން ހުކުމްކޮށްފައި ހުރި ތާރީހުތަކާ މެދު ސުވާލު އުފެދޭތީ ކަމަށެވެ.
"މިތާ ނެތް ލޯޔަރެއް. އަޅުގަނޑަކީ ލޯޔަރެއް ނޫން. އަޅުގަނޑަށް އެއިން އެއްވެސް މާނައެއް ދޭހައެއްނުވޭ. އެހެންވީމާ މާނަ ދޭހަކުރަންވެގެން މިއުޅެނީ،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ " 3 މެއި 2012 ގައި އެކުލަވާލި ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ އެންމެހާ ނިންމުންތަކާއި ހިންގާފައިވާ ޝަރީއަތްތަކަކީ ބާތިލް ކަންތައްތަކެއް ކަމަށް ކަނޑައަޅައި 12 އޭޕްރީލް 2012 ވަނަ ދުވަހު ހައި ކޯޓުގެ އިސް ފަނޑިޔާރު އެކުލަވައިލި ފަނޑިޔާރުންގެ ބެންޗުން ހައި ކޯޓުގެ ]އެ[ ގަޒިއްޔާ އަލުން ބަލައި ނިންމުމަށް އަންގާ" ކަމަށެވެ.
މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ 500 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ބުނެ އޭސީސީން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ހައިކޯޓުން އެ މައްސަލާގައި ހުކުމް ކުރަންދެން އެ މަޝްރޫއު ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރުނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ކުރިން ސިވިލް ކޯޓުން ވަނީ ބޯޑާ ކޮންޓްރޯލްގެ މައްސަލަ ނުބެލޭނެ ކަމަށް ފެބްރުއަރީ ފަސް ވަނަ ދުވަހު ހުކުމްކޮށްފަ އެވެ. އަދި އެ މަޝްރޫއު ހުއްޓާލުމަށް އޭސީސީން އިމިގްރޭޝަނަށް އެންގުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ހުކުމްކޮށްފައި ވަނީ އެ މަޝްރޫއު ހުއްޓާލުމަށް އޭސީސީ އަށް ނޭންގޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މަޝްރޫއު ކުރިއަށް ގެންދާނީތޯ ނުވަތަ ނޫންތޯ އާއި ގާނޫނީ ލަފާ ހޯދަން ބަންޑާރަ ނައިބުގެ ލަފައަކަށް އެދޭނީތޯ ނުވަތަ ނޫންތޯ ވެސް ކަނޑައަޅަން އެނގޭނީ ސުޕްރީމް ކޯޓުގެ އަމުރުގައި އޮތް އެއްޗެއް ފަހުމްވެގެން ކަމަށާއި އެ ކަމުގައި ގާނޫނީ ފަރާތްތަކުގެ ލަފާ ހޯއްދަވާނެ ކަމަށެވެ.
ވަގުތީ އަމުރަކަށް އޭސީސީން އެދިފައިވަނީ ސަރުކާރާއި ނެކްސްބިޒްއާ އެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ކަންތައްތަކެއް ހިނގާފައިވާ ކަމަށް ފާހަގަކުރެވި، އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިއުމަށް އަންގާފައިވަނިކޮށް އެންގުމާ ހިލާފަށް ސަރުކާރުން އަމަލުކޮށްފައިވާތީ އެވެ. އޭސީސީގެ އެންގުމާ ހިލާފަށް، 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުގެ އެއްބަސްވުމަށް އަމަލުކުރުމަށް ނިންމައިފަ އެވެ. ބޯޑާ ކޮންޓްރޯލް ސިސްޓަމް މަޝްރޫއު ހުއްޓާލުމަށް ހޯމް މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ އިމިގްރޭޝަނަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ