ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލަކު ކޯޓަށް ހާޒިރުނުވެވޭ ގޮތަށް ކްރިމިނަލް ކޯޓުން ކުރި ސަސްޕެންޝަނަކަށް ތާއީދުކޮށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
ހައި ކޯޓުން ތާއީދުކުރީ ޕީޖީ އޮފީހުގެ ވަކީލެއްގެ ކަމަށްވާ އިހްސާނާ މުހައްމަދު ވަހީދަށް އެއް މަސް ދުވަހުގެ މުއްދަތަށް ކޯޓަށް ހާޒިރުނުވޭ ގޮތަށް ކްރިމިނަލް ކޯޓުން 2011 ވަނަ އަހަރު ކުރި ސަސްޕެންޝަނަކަށެވެ. އޭނާ ސަސްޕެންޑްކުރީ ދައުލަތުގެ ވަކީލެއްގެ ގޮތުން އޭނާ ކޯޓަށް ވަޑައިގަންނަވާ މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، ހުކުމް ކުރަންދެން ކޯޓުގައި މަޑުކުރައްވަން އަންގާފައި ވަނިކޮށް "އެހެން ދުވަހަކު މައްސަލަ ނިންމާށޭ" ބުނެ އެދުވަހު ކޯޓުން ނިކުމެގެން ގޮސްފައިވާތީ އާއި ފޯނަށް ގުޅުމުން ފޯނަށް ޖަވާބު ވެސް ދީފައިނުވާތީ ކަމަށް ބުނެ އެވެ. ނަމަވެސް އެކަމަށް އިހްސާނާ އިންކާރު ކުރައްވަ އެވެ.
އިހްސާނާ ވިދާޅުވެފައި ވަނީ އޭނާ ވަޑައިގަތީ ކުޑަ އިރުކޮޅަކުން ހުކުމް ކުރާނެ ކަމަށް މެންދުރު ކުރީގެ ވަގުތެއްގައި ބުނުމަށް ފަހު މާބޮޑަށް ލަސްވުމުން، ޕީޖީ އޮފީހުން އެހެން ވަކީލަކު ހަމަޖައްސާނެ ވާހަކަ ކޯޓުގައި ބުނުމަށް ފަހުގައި ކަމަށެވެ.
އެ މައްސަލަ އިހްސާނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ އިހްސާނާ ސަސްޕެންޑްކޮށްފައި ވަނީ ޕީޖީ އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން ކަމަށެވެ. އަދި ސަސްޕެންޑް ކުރުމަށްފަހު އެކަން އަންގާފައި ވަނީ ވެސް ޕީޖީ އޮފީހަށް ކަމަށްވާތީ އެއީ އަމިއްލަ ހައިސިއްޔަތުން އިހްސާނާ ކްރިމިނަލް ކޯޓަށް ހާޒިރުވުން މަނާކުރާ ސަސްޕެންޝަނަކަށް ނުވާތީ އެ ނިންމުމާ މެދު ގޮތެއް ނިންމޭނެ ތަނެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން އިހްސާނާގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެ ސަސްޕެންޝަނަކީ ގާނޫނާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ނިންމާނެ ތަނެއް ނެތް ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ.
ޝަރީއަތަށް ހާޒިރުނުވާތީ ކަމަށް ބުނެ އޭގެ ކުރިން ވެސް ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރުނުވެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވެ އެވެ.
ޕީޖީގެ ވަކީލަކު ކޯޓަށް ހާޒިރުނުވެވޭ ގޮތަށް ކުރި ސަސްޕެންޝަނަކަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ