ނަޝީދަށް ވެރިކަމުގެ ހިޔަނި ވެސް ދެން ނުފެންނާނެ: ގާސިމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކަށް ވެރިކަމުގެ ހިޔަނި ވެސް ދެން ފެނިވަޑައިނުގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި ބޮޑުލާރީގައި ހުނިޖަހައިގެ ނަޝީދު އުޅުއްވަފާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމާއި އެހެން ވަޒީފާއެއް ވެސް ނަޝީދަށް ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އެއް މަހުޖަނު ގާސިމްގެ އަމިއްލަ އަތޮޅު އދ. އަތޮޅުގެ މަހިބަދޫގައި ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި އެންމެ މުއްސަނދި ޕާޓީ އަކީ އެމްޑީޕީ ކަމަށާއި އެހެން ކެންޑިޑޭޓުންނާއި ޕާޓީތައް އުޅެން ޖެހޭނީ ބޮޑުލާރީގައި ހުނިޖަހައިގެން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ސެޕްޓެމްބަރު 7 ގައި ބާއްވާ ރިޔާސީ އިންތިހާބު ނަޝީދަށް ކާމިޔާބު ނުކުރެއްވޭނެ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ތެރޭގައި އެމަނިކުފާނު މާޒީގައި އަމަލުކުރައްވާފައިވާ ގޮތާއި އަމިއްލަފުޅަށް ކަމެއް ކާމިޔާބު ކުރެވިފައި ނެތުން ހިމެނޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެއީ ]ނަޝީދަށް[ މިހާތަނަށް ވެސް ނެތް އެއްވެސް ކަމެއް ކުރެވިފައެއް. ޕާޓީ ހެދީ ވެސް އަހަރެމެން ހަދައިދިނީމަ. ގާނޫނު އަސާސީ އިސްލާހުވީ ވެސް އަހަރެމެން ކޮށްދިނީމާ. ކުރީގަ ބުނަމުން އައީ ކޮންމެ ތިން މަހަކުން އެއް މަހު ވެރިކަން ވައްޓާލާނަމޭ، ވައްޓާލާނަމޭ. އެކަމެއް ވެސް ނުވި. އެކަން ވެސް ކޮށްދިނީ އަހަރެން އެކަމުގައި ބައިވެރިވެގެން އެކަން ކޮށްދިނީތީ. އެހެންވީމާ ދެންވެސް ވާނީ އެހެން. ކޮންމެވެސް މީހަކު ކޮށްދޭން ޖެހޭނީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ އަކީ ބާޣީއެއް ކަމަށް ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރުން ގޮވާއިރު ހަގީގީ ބާޣީ އަކީ ނަޝީދު ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކާކުތޯ ބާޣީ އަކީ؟ ބާޣީ އަކީ ސިފައިންނާއި ފުލުހުންނަށް ގައިރު ގާނޫނީ އަމުރު ކުރި މީހާ. ގާނޫނު އަސާސީއާ ހިލާފަށް ކަންތައް ކުރަމުން ގެންދިޔަ މީހާ. ގާނޫނުތަކާ ހިލާފަށް ކަންތައް ކުރަމުން ގެންދާ މީހާ. އަދި ރައްޔިތުންގެ މުދަލާއި މިލްކިއްޔާތު ނުއަގުގައި، ގާނޫނު އަސާސީއާ ހިލާފަށް، ގާނޫނުތަކާ ހިލާފަށް ވިއްކަމުންދާ މީހާ،" ނަޝީދު ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ގާސިމް ވިދާޅުވި އެވެ.
ނަޝީދު ވެރިކަމަށް ގެންނެވީ "ނުބައި ނުލަފާ މީހަކަށް" ވެދާނެ ކަމަށް ހީކުރައްވާފައި ނޫން ކަމަށާއި އެކަމަކު އޭގެ ފަހުން ފެނިވަޑައިގަތީ ކަންކަން ހައްދު ފަހަނައަޅައިގެން ދިޔަ ތަން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ގާނޫނު އަސާސީއާ ހިލާފަށް ކަންތައްތައް ދާން ފެށީމާ އަޅުގަނޑުމެން މި ބުނަނީ ގާނޫނު އަސާސީ ތެރެއަށް، ގާނޫނާ އެއްގޮތަށް ކަންތައް ކުރާށޭ. ނުވަތަ އިސްތިއުފާ ދޭށޭ. ބަލަ އަހަރެމެންނޭ އޭނާ އެތާ ބޭންދީ. އަހަރެމެންނަށް އެހެން ބުނުމުގެ ހައްގު އޮންނާނެ ނޫންތޯ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަންޏާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމާ ދިމާއަށް ބާޣީއޭ ގޮވަނީ، ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޕޮލިސް ހެޑުކްއާޓާޒްގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއްގައި އަސްކަރީ ވެރިކަމެއް ނާންނަނީސް އިސްތިއުފާ ދެއްވަން ނިންމެވުމަކީ ނަސީބެއް ކަމަށް ވިދާޅުވެފައި އޮތުމުން ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތަށް ވިދާޅުވީ އެފަދަ ހާލަތެއްގައި އަސްކަރީ ވެރިކަމެއް ގާއިމުކޮށްފި ނަމަ ރައްޔިތުންނަށް ޖެހިދާނެ ހާލަކަށްޓަކައި ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެންވެ އެހެން ބުނީ. އެކަމަކު އެއީ އަޅުގަނޑު ކުރި ބަޣާވާތަކަށް ހަދައިގެން އަޅުގަނޑު ސިފައިންގެ މީހުންނަށް، ފުލުހުންނަށް ލާރި ދިނީ ކަމަށް ހަދައިގެން އަޅުގަނޑު އަނެކެއްޗެއް ހަދައިގެން، ފާޑުފާޑުގެ ދޮގު ބުހުތާނު ލަވަތައް ހަދައިގެން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މި ވާހަކަ ދައްކަމުން، ލަވަޖަހަމުން މިދަނީ،" ގާސިމް ވިދާޅުވި އެވެ.
އެކަން ކަމާ "ޑަރު ވެސް" ހީފުޅުނުކުރައްވާ ކަމަށާއި އެ ލަވަތައް ޖަހަން ބޭނުންކުރަނީ ވެސް އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި "ވަތަން އެދޭ ގޮތަށް" ކޯލިޝަންގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީން ގެނައި ސައުންޑް ސިސްޓަމުތަކުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަހަރުގެ ކެމްޕޭނަށް ގާސިމްގެ ޕާޓީން ގެނައި 70 ނުވަތަ 80 ވަރަކަށް ސައުންޑު ސިސްޓަމް އެމްޑީޕީން އަނބުރާ ނުދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ