އަޅުގަނޑު ވެސް ޖަލުގެ ކުޑަ ގޮޅީގައި 50 ދުވަހު އޮތިން: މައުމޫން

ޖަލަށް ލުމަކީ ރާއްޖޭގެ ގިނަ ބަޔަކަށް ޖެހުނު ކަމެއް ކަމަށާއި، އެމަނިކުފާނު ވެސް ޖަލުގެ ކުޑަ ގޮޅީގައި 50 ދުވަހު އޮންނަން ޖެހުނު ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ރޭ ބ. އޭދަފުށީގައި ވިދާޅުވެއްޖެ އެވެ.ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނު ޖަލުގެ ކުޑަ ގޮޅީގައި 50 ރޭ 50 ދުވާލު އޮތީމޭ ދަންނަވަނީ ވަރަށް ވިސްނަވާފައި ކަމަށެވެ."އަޅުގަނޑު 50 ރޭ 50 ދުވާލު ވަންދެން ޖަލުގެ ކުޑަ ގޮޅީގައި އޮތިން. އޮތީމޭ މި ދަންނަވަނީ ވަރަށް ވިސްނާފަ. އެތަނުގަ އައްޓެއް އަޅާފައި އޮންނާނީ ވަރަށް ތިރިތިރިކޮށް. ދެން އެތާނގައި އިށީނދެލުމަކީ ވެސް ކުޑަ ކަމަކަށް ނުވާނެ. އެތާ ޖެހޭނީ އޮންނަން. އެހެންވެ އަޅުގަނޑު ކުޑަ ގޮޅީގައި އޮތިން 50 ރ.ޭ އޭގެ ފަހުން އަޅުގަނޑު އަރުވާ ވެސް ލި. އެކަމަކު ދެން ކޮންމެހެން އެވާހަކަ ދައްކާނެ ކަމެއް ނެތް!،" އިނދިކޮޅު ބައެއް ފަރާތަކުން ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހުނު ކަމަށް ވިދާޅުވެ ދައްކާ ވާހަކަތަކަށް ރައްދުދެއްވައި މައުމޫނު ވިދާޅުވި އެވެ.މައުމޫނު ވިދާޅުވީ ޖަލުގައި އޮންނަން ޖެހުމަކީ ރައްޔިތުންގެ ހަމްދަރުދީ ހޯދައިގެން ވެރިކަމަށް އަންނަން ޖެހޭނެ ސަބަބެއް ނޫން ކަމަށެވެ."ބައެއް ބޭފުޅުން ވިދާޅުވެ ތިމަންނާ އަށް ވަރަށް އަނިޔާވިއޭ. މިތައް ދުވަހު ޖަލަށް ލިޔޭ. މިތައް ދުވަހު އަރުވާލިޔޭ. އެހެންވެ އެއީ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ބޭފުޅުންނަށް ރައީސްކަން ކުރެއްވުމުގެ ގާބިލްކަން ލިބިވަޑައިގަތް ގޮތަކީ. އަޅުގަނޑު މި ދަންނަވަނީ އެއީ ރާއްޖޭގެ ވަރަށް ގިނަ މީހުންނަށް ދިމާވި ކަމެކޭ. ވަކި ބަޔަކަށް ނޫނޭ. އެކަން ކަމަކަށް ހަދައިގެން ރައްޔިތުންގެ ހަމްދަރުދީ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ އަށް ވާކަށް ނުޖެހޭ،" މައުމޫނު ވިދާޅުވި އެވެ.ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޕީޕީއެމް އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މައުމޫނު ވިދާޅުވީ "އެންމެން ގުޅިގެން" ނޫނީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން އެއް ކެންޑިޑޭޓަކު ނެރެން ޕީޕީއެމުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. "މި ކަމަކީ ރާއްޖޭގެ ރައްޔިތުން އެންމެން ގުޅިގެން ނޫނީ ކުރަން ފަސޭހަ ކަމަކަށް ނުވާތީ އެންމެން ގުޅިގެން މި މަސައްކަތްކުރާއިރު އުފެދޭ ސުވާލަކީ ކީއްވެގެންހޭ އަޅުގަނޑުމެންގެ ފަރާތުން އެއް ކެންޑިޑޭޓަކު ނުނެރެނީ؟ މިއީ ވެސް ވަރަށް ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދޭ ކަމެއް،" މައުމޫން ވިދާޅުވި އެވެ."އެހެންވެ ދަންނަވާލާނީ މި ކަމާ މެދު ވެސް ކުރިން މަސައްކަތް ކުރީމޭ. އެންމެން ގުޅިގެން އަޅުގަނޑުމެން ފިކުރުގެ މީހުން ކެންޑިޑޭޓެއް ނެރުމަކީ ހަމައެކަނި އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި މަސައްކަތެއް ނޫން. މާ ކުރިން ވެސް ކުރި މަސައްކަތެއް. މިހާރު އެހެން ޕާޓީއެއް ހައްދަވައިގެން އުޅުއްވާ ބޭފުޅަކީ ވެސް ޕީޕީއެމްއާ ގުޅިވަޑައިގަންނަވަން ދެންނެވި ބޭފުޅެއް. އަދި ޕީޕީއެމް އުފެއްދި އިރު މަޝްވަރާތަކުގައި ބައިވެރިވި ބޭފުޅެއް." އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމުގެ މައްސަލާގައި ޖުމްހޫރީ ޕާޓީން ކޯޓަށް ދިއުމުން އެ ޕާޓީ އަށް ޕީއެމްއެމުން ސަޕޯޓްކުރީ ހައްގަށް ނަސްރު ދިނުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ