އިސްލާމްދީން ދެމި އޮތުން ބިނާވަނީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތެއްގެ މައްޗަށް: މައުމޫން

ރާއްޖޭގައި އިސްލާމް ދީން ދެމިއޮތުމާއި ގައުމުގެ އިސްތިގުލާލު ހިފެހެއްޓުން ބިނާ ވަނީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތެއްގެ މައްޗަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މިސްރުން ތައުލީމު ހާސިލްކުރި މީހުންނާއި އަދި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނާ ބައްދަލު ކުރެއްވުމަށް ނަސަންދުރާގައި ބޭއްވި ހަފްލާގައި މައުމޫން ވަނީ ރިޔާސީ އިންތިހާބުގައި ލާ ވޯޓަކީ ފަރުދީ ޒިންމާއެއް ކަމަށް ދުށުމަށް ވުރެ ބޮޑަށް ގައުމީ ޒިންމާއަކަށް ހެދުމަށް ގޮވާލައްވައިފަ އެވެ. އަދި އެއީ "ސިޔާސީ އިމްތިހާނެއް" ނޫން ކަމަށާއި އެއީ "ގައުމީ އިމްތިހާނެއް" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަންނަ އިންތިހާބާ އެކު ރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވޭ. ރާއްޖެ މިހާރު މި އޮތް ގޮތަށް ދެމި ނުއޮތުމުގެ ފުރުސަތު ވެސް އެބަ އޮތް. ރާއްޖޭ ދެމި އޮތުމާއި އިސްލާމް ދީން ހިމާޔަތް ކުރުމާއި މި ހުރިހާ ކަމެއް އަންނަ އިންތިހާބަށް ފަހު ކުރިމަތިވެގެން އަންނާނެ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި ޑިމޮކްރަޓިކް މުއައްސަސާތަކުން އެތަންތަނުގެ ވާޖިބު އަދާކުރަމުން ނުދެ އެވެ. މައުމޫން ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ގިނަ މުއައްސަސާތަކެއް އުފައްދާފައިވާއިރު އެއީ ވަރަށް މުހިންމު ގައުމީ މަސައްކަތްތަކެއް ކުރަން ޖެހޭ ބައެއް ކަމަށެވެ. އަދި އެތަންތަން ރަނގަޅަށް މަސައްކަތް ކުރުވުމަށް ކޮންމެވެސް ބަޔަކު ބާރު އަޅަން ޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މުއައްސަސާތަކުން އަދާކުރަން ޖެހޭ ވާޖިބު އަދާކުރާ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިއީ މިކަން އޮވެގެން ވާނެ ގޮތެއް ނޫން. މިތަންތަން ރަނގަޅަށް ހިނގަން ޖެހޭ. މިއީ ގާނޫނު އަސާސީގައި ލިޔެފައި ދޫކޮށްލަން ޖެހޭ ކަމެއް ނޫން. އޭރުން އޭގެ ޒާތުގައި އެކަމެއް ނުވާނެ. އެކަންތައްތައް ހިންގަން ޖެހޭ ބަޔަކު އެބަ ތިބެން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވަމުން މައުމޫން ވިދާޅުވީ މުއައްސަސާތަކުގެ ރޯލު ފުރިހަމައަށް އަދާކުރުމަށް ހިތްވަރާ އެކު މަސައްކަތް ކުރައްވަން ކެރިވަޑައިގަންނަވާނެ ހަމައެކަނި ލީޑަރަކީ ޔާމީން ކަމަށެވެ. އަދި ޕީޕީއެމަކީ ރައްޔިތުން ބޭނުންވާ އުފާ ފާގަތި، އަމާން ރާއްޖެއަކަށް ހެދޭނެ ގާބިލްކަން ހުރި ހަމައެކަނި ޕާޓީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެހެން މިދަންނަވަނީ ފަހަރެއްގައި ވެސް ޕީޕީއެމްގެ ރައީސަކީ އަޅުގަނޑު ކަމަށް ވާތީއެއް ނޫން. އަދި ޔާމީނަކީ އަޅުގަނޑުގެ އެއްބަފާ ކޮއްކޮ ކަމަށް ވާތީއެއް ވެސް ނޫން. އަދި އެއީ ޔާމީން އަބްދުލް ގައްޔޫމަށް ވާތީއެއް ވެސް ނޫން. އަޅުގަނޑު އެހެން މިދަންނަވަނީ މިކަމުގެ މުހިންމު ކަމުން. ގައުމީ ކަމަކަށް ވާތީ،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ