ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމުގެ ކުރިން ވޯޓާސް ލިސްޓު ފުރިހަމަ ކުރުމަށާއި ފުރަތަމަ ބުރުގައި ކުރިމަތިވި މައްސަލަތައް ހައްލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ޝެޑިއުލް ކޮށްފި އެވެ.
ޕީޕީއެމްގެ ވަކީލު އަހުމަދު ޒަނީން އާދަމް މިރޭ ވިދާޅުވީ މިއަދު ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ ކަމަށާއި މާދަމާ 2:00 ގައި ފުރަތަމަ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށް، ޗިޓު ފޮނުވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު "ހަވީރަ"ށް ވިދާޅުވެފައިވަނީ ޕީޕީއެމުން އެދިފައިވަނީ ވޯޓާސް ލިސްޓުގައި ހިމެނޭ މައްސަލަތައް ހައްލުކުރުމުގެ އިތުރަށް އެ ލިސްޓަކީ އިންތިޚާބުގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުން އިއްތިފާގުވާ ލިސްޓަކަށް ހެދުމުގެ އަމުރަކަށް ކަމަށެވެ. އަދި ވޯޓު ކަރުދާސް ޗާޕުކުރާ އިރު އާއި ވޯޓު ލާ މަރުކަޒުތަކަށް ކަރުދާސް ގެންދާ އިރު ކެންޑިޑޭޓުންނަށް ފާރަވެރިވެވޭނެ ފުރުސަތު ދިނުމަށް އަމުރުކޮށްދިނުމަށް އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އިންތިޚާބާ ގުޅޭ މައްސަލައެއް ޕީޕީއެމުން ހުށަހަޅާފައިވާ އިރު މިމަހުގެ ހަތެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ބާތިލްކުރުމަށާއި އެ މައްސަލައިގައި ގޮތެއް ނިންމަން ދެން ދެވަނަ ބުރުގެ ވޯޓު ފަސްކުރުމަށް އެދި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށްދެ އެވެ.
ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމެންދެން އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ފަސްކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހޯމަދުވަހު އަމުރެއް ނެރެފަ އެވެ.
ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަނެ މާދަމާ އަށް ޝެޑިއުލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ