ފާޑުކިޔުން ގިނަވުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް: މައުމޫން

ފާޑުކިއުން ގިނަވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި އެކި ފަރާތްތަކުން ފާޑުކިޔަމުން ދާނީ ފާޑުކިޔޭވަރުގެ ބަޔަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރޭ ނިމުނު ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ އަށް ފަހު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެ ޕާޓީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ "ފާޑުކިޔުމުގެ ތީރުތައް" ޕީޕީއެމްއާ ދިމާލަށް އަމާޒު ވަނީ "އަޅުގަނޑުމެންނަކީ ވަރަށް ބޮޑު ބައެއް" ކަމަށް ވާތީ ކަމަށެވެ. އަދި އެ މަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެންގެ ފަރުބަދައިގެ އުސްކަން ބޮޑުވީމާ އަންނަ ތީރުތައް ވެސް ގިނަވާނެ" ކަމަށެވެ. އަދި ހަރުބަހެއްގައި ބުނާ ވާހަކައަކަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އުސް ފަރުބަދައަކަށް އަރާ ކަނޑާތަކުގެ ދަތްތަކުން އެ ފަރުބަދަ ކުދިކުދި ކުރަން މަސައްކަތްކުރި ކަމަށް ވިޔަސް އެކަމެއް ނުވާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކަ އަކީ އަޅުގަނޑުމެންގެ ޕާޓީއަކީ ވަރަށް ވަރުގަދަ ހިލަ ފަރުބަދައެކޭ. އެ ޕާޓީއާ ދިމާކޮށް ބައެއް ފަރާތްތަކުން ވިހަ ތީރުތަކެއް އުކި ނަމަވެސް އެ ތީރުތައް އެ ފަރުބަދައިގެ ތެރެއަކަށް ނުވަންނާނެ. އެހެންވީމާ އަޅުގަނޑުމެން އެކަމާ ކަންބޮޑު ނުވާށޭ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އުފެދިފައިވާއިރު އޭގެ ތެރެއިން ގިނަ ޕާޓީތަކަށް ނޫސްތަކުގައި ފާޑުކިޔައި ކޮމެންޓުތައް ނުކުރަނީ އެއީ ސިޔާސީ ޕާޓީތަކެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. އަދި މައުމޫން ވިދާޅުވި ގޮތުގައި "ފާޑުކިއުމުގެ ތީރުތައް" އަންނަ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ފިޔަވައި ދެން އޮތީ އިދިކޮޅު އެމްޑީޕީ އެވެ.
އެމްޑީޕީ އަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ އެއީ ޕީޕީއެމް ގަބޫލުކުރާ ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން ކުރާ އެއްވެސް ކަމަކަށް ޕީޕީއެމް އަކަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
"އެހެން ނަމަވެސް އެކަން ގަބޫލުކުރާއިރު ވެސް އެ މީހުންނަކީ ޕާޓީއެއް ކަމަށް ގަބޫލުކުރަން އެބަޖެހޭ. ހަރަކާތްތަކެއް އެބަ ހިނގާ އަޅުގަނޑުމެން ކިތަންމެ ނުގަބޫލަސް. އެ ޕާޓީ އެއީ އޮތް އެއްޗެއްކަން ފެނިގެން އެބަދޭ. އެހެންވީމާ އެހެން މީހުންގެ ހަމަލާތައް އަދި ހާއްސަކޮށް އަޅުގަނޑުމެންގެ ހަމަލަތައް އެމްޑީޕީއާ ދިމާލަށް ދާނެ. އެކަމަކު އެކަހަލަ ހަމަލަތަކެއް ނުދާ ޕާޓީތަކަކީ މީހެއްގެ އެއްވެސް ކަހަލަ ހިލަމެއް ނުވާ، ހަބަރެއް ދަބަރެއް ނުވާ ޕާޓީތަކެއް. އެހެންވީމާ އެ ޕާޓީތަކަކަށް ހަމަލަތަކެއް ނުދާނެ،" މައުމޫން ވިދާޅުވި އެވެ.
"އެހެންވީމާ ތިޔަބޭފުޅުން ކަންބޮޑުވެވަޑައި ނުގަންނަވައްޗޭ ނޫސްތައް ވިދާޅުވާއިރު، ޓީވީ ހަބަރުތައް ބައްލަވާއިރު. އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކާ ބެހިގެން ކިތަންމެ ނުރަނގަޅު ވާހަކަތަކެއް އައި ކަމުގައި ވިޔަސް އަދި ނޫސްތަކުގައި އެކި ގޮތްގޮތަށް ޖެހި ކަމުގައި ވިޔަސް އަދި ކޮމެންޓުތައް ތަފާތު ގޮތްގޮތަށް އައި ކަމުގައި ވިޔަސް ކަންބޮޑުވެވަޑައިނުގަންނަވާށޭ. އެއީ އަޅުގަނޑުމެންނަކީ ވަރުގަދަ ޕާޓީއަކަށް ވާތީއޭ އެ ކަންތައްތައް އެހެން ހިނގަމުން ދަނީ."
ތަފާސް ހިސާބުތަކުގެ މައްޗަށް ބައްލަވާލައްވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އަކީ ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޒުވާނުންގެ ނިސްބަތް އެންމެ މަތީ ޕާޓީ ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޑޭޓާބޭސް އަށް ބަލާއިރު [އިލެކްޝަންސްގެ ޑޭޓާބޭސް ނުހިމަނައި] 27،000 އަށް ވުރެ ގިނަ މެމްބަރުން ތިބިއިރު 7،000 އަށް ވުރެ ގިނަ މީހުންނަކީ އުމުރުން 35 އަހަރު ނުވާ ޒުވާނުންނެވެ. އެއީ 24.8 ޕަސެންޓެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ މި ޕާޓީ އަކީ އެންމެ ގިނަ ޒުވާނުން ތިބި ޕާޓީ. ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީކަން ދިވެހި ޒުވާނުން ގަބޫލުކުރައްވާ ޕާޓީ. އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑުމެންގެ ކުރިމަގަށް އޮތް ތަރައްގީއެކޭ ނުވަތަ ކުރިއަށް ދިއުމަށް މަގުފަހި ކޮށްދޭނެ ކަމެކޭ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގެ އިންތިހާބުތަކަށް 80 އަށް ވުރެ ގިނަ މީހުން ކުރިމަތިލުމުން ދައްކައިދެނީ އެ ޕާޓީގެ ތެރޭގައި އޮތް ޑިމޮކްރެސީގެ ވަރުގަދަކަން ކަމަށެވެ. އަދި އެއިން ދައްކައި ދެނީ ޕީޕީއެމްގެ ގިނަ މެމްބަރު ޕާޓީއަށް ހިދުމަތްކުރަން ބޭނުންވުން ކަމަށް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން ހޮވިވަޑައިގަތީ "އޮޓަމެޓިކުން" ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމަށް ވެސް މިރޭ އެ މަނިކުފާނު ރައްދު ދެއްވި އެވެ.
ޕާޓީގެ ރައީސް ކަމަށް މައުމޫން ފިޔަވައި އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނެތުމުން އެ މަގާމަށް އެ މަނިކުފާނު ހޮވިވަޑައިގަތީ ވޯޓުލުމެއް ނެތި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ގާނޫނު އަސާސީ އަދި އިސްލާމީ އުސޫލުތަކައް ރިއާޔަތް ކުރެއްވިއިރު ވެސް "އޮޓަމެޓިކް" ގެ ވާހަކައެއް ނެތް ކަމަށެވެ. އަދި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސްކަމަށް އެ މަނިކުފާނު އިންތިހާބުވެވަޑައިގަތީ "އޮޓަމެޓިކުން" ކަމަށް އެކި ފަރާތްތަކުން ބުނަމުން ދަނީ "އޮޅުމަކުން" ނުވަތަ "އޮޅުވާލުމުގެ ގޮތުން" ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނުތައް ބުނާ ގޮތުން އެއްވެސް ކަމަކަށް، އެ ކަމަކަށް އޮންނަ އަދަދަށް ވުރެން އިތުރުން ބަޔަކު ކުރިމަތިނުލައިފިއްޔާ އެ އަދަދަށް ކުރިމަތިލި ބަޔަކު ހޮވޭނެ. އެއީ ރާއްޖެ އެކަންޏެއް ނޫން. ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އޮންނަ ގޮތް. ރައްޔިތުންގެ މަޖިލީހުގެ ދާއިރާއަކަށް ވެސް ކުރިމަތިލެއްވީ އެންމެ ކެންޑިޑޭޓަކު ކަމަށްވާ ނަމަ އަދި އެ ކެންޑިޑޭޓުގައި އެ މަގާމުގެ ޝަރުތުތައް ފުރިހަމަވާ ކަމަށްވާ ނަމަ އޭނާ ހުންނާނީ ގާނޫނީ ގޮތުން އެ މަގާމަށް ހޮވިފައި. އިތުރު އިންތިހާބެއް ބާއްވާކަށް ބޭނުމެއް ނުވާނެ. އިތުރު ވޯޓު ކަރުދާސްތަކެއް، އިތުރު ހަރަދުތަކަކަށް، އިތުރު މިންނަތް މަސައްކަތްތަކަކަށް ބޭނުމެއް ނުވާނެ. މިއީ ހަގީގަތް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސް ކަމަށް އެ މަނިކުފާނު އެކަނި ކުރިމަތިލެއްވުމަކީ ޑިމޮކްރެސީއާ ހިލާފު ކަމެއް ކަމަށް ވާންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ޑިމޮކްރެސީއަކީ އިހުތިޔާރު ލިބުން ކަމަށެވެ. އަދި ކަމަކަށް ކުރިމަތިލާކަށް އެއްވެސް މީހަކަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ސިއްހަތާއި އުމުރު ތަންދޭ ކަމަށް ވަންޏާ މި ޕާޓީ އަށް ހިދުމަތްކުރުން މަތީ ދެމި ހުންނަން. އެހެންވީމާ އަޅުގަނޑު ]ރައީސް ކަމަށް[ ކުރިމަތިލީ. އެހެން އެއްވެސް ބޭފުޅަކު މިކަމަށް ޝައުގުވެރިކަން ނެތީމާ ނުވަތަ ކުރިމަތިލައްވަން ބޭނުން ނުވީމާ އެއީ މަޖުބޫރުން ވީ ކަމެއް ނޫން. އެއީ އެ ބޭފުޅުންގެ އަމިއްލަ އިހުތިޔާރު ޑިމޮކްރެސީގެ މަތިން ބޭނުން ކުރެއްވީ. އަމިއްލަ އިހުތިޔާރު ބޭނުންކުރުމަކަށް އެއީ ޑިމޮކްރެސީއާ ހިލާފު ކަމެކޭ ނުކިޔޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި މައުމޫންގެ އިތުރުން ޕީޕީއެމް އަލަށް އިންތިހާބުވި ނާއިބު ރައީސުން ކަމަށްވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި ޕީޖީ ލީޑަރު މުލަކު ދާއިރާގެ އަބްދުﷲ ޔާމީންގެ އިތުރުން އެ ޕާޓީގެ ކުރީގެ އިންތިގާލީ ނާއިބު ރައީސުން ކަމަށްވާ އުމަރު ނަސީރާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވެސް ވާހަކަ ދެއްކެވި އެވެ. އަދި ޕީޕީއެމްގެ ކައުންސިލަށް އިންތިހާބުވި ނަހުލާ އަލީ އާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފު ވެސް މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ