އިމްރާންގެ މައްސަލަ ބަލާ ގާޒީ ބަދަލުކޮށްދޭން އޭނާގެ ފަރާތުން އެދެފި
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް ދިނުމަށް އިމްރާންގެ ފަރާތުން މިއަދު އެދިއްޖެ އެވެ.މިދިޔަ އަހަރު މޭ މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަބްދުލްބާރީ ޔޫސުފެވެ.ގާޒީ ބާރީގެ ބަދަލުގައި އެހެން ގާޒީއަކާ އެ މައްސަލަ ބެލުން ހަވާލުކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އިމްރާންގެ ފަރާތުން މިއަދު ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.އެ ސިޓީގައި ވަނީ ޝަރީއަތް ކުރުމުގެ އާންމު އުސޫލުތަކާ ޚިލާފު ބައެއް ކަންކަން ގާޒީ ބާރީ ކުރައްވާފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވެ އެހެން ގާޒީއަކާ މައްސަލަ ބެލުން ހަވާލުކޮށް އިމްރާންގެ ފަރާތުން ވަނީ އެދިފަ އެވެ.މީގެ އިތުރުން ގާޒީ ބަދަލުކުރުމާ މެދު ގޮތެއް ނިމެންދެން އިމްރާންގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް ވެސް މިއަދު ވަނީ ހުށަހަޅައިފަ އެވެ.އިމްރާންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ގާޒީ ބާރީ ރިޔާސަތު ބަލަހައްޓަވާ ގޮތަށް، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެކަމަކު އެ ބެންޗު މިހަފުތާގައި ވަނީ އުވާލައި، ގާޒީ ބާރީ އެކަނި އިންނަވައިގެން މައްސަލަ ބައްލަވާ ގޮތަށް ހަމަޖައްސައިފަ އެވެ.ގާޒީ ބާރީ ބަދަލުކޮށް ދިނުމަށް އިމްރާންގެ ފަރާތުން އެދުނުއިރު އަންނަ އާދިއްތަ ދުވަހު އިމްރާންގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދޭން އިމްރާންގެ ފަރާތުން އެދުނީ މި ހަފުތާ ބޭއްވި އަޑުއެހުމެއްގައި އިމްރާންގެ ވަކީލުންނާއި ގާޒީ ބާރީއާ ދެމެދު ހޫނު ބަހުސްތަކެއް ހިނގައި، އިމްރާންގެ ވަކީލް ހުސްނުއްސުއޫދު ޝަރީއަތުގެ ކިބައިން މައާފަށް އެދޭ ހިސާބަށް ކަންކަން ގޮސްފައި ވަނިކޮށެވެ. އެދުވަހުގެ އަޑުއެހުމުގައި ގާޒީގެ ވަރުގަދަ ސުވާލުތަކެއް ވެސް އިމްރާނަށް ކުރިމަތިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ