މިނިވަން މުއައްސަސާތަކުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް، ނާޖާއިޒު ގޮތުގައި ފައިދާ ހޯދާ ކަމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާން (ސަން ޓްރެވަލް ސިޔާމް) މިއަދު ވިދާޅުވެއްޖެ އެވެ.
ކުރި އަށް އޮތް އަހަރުގެ ބަޖެޓާ ބެހޭ ގޮތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ރައްޔިތުންގެ ފައިސާގައި ނުޖެހުމަށް މިނިވަން މުއައްސަސާތަކަށް ގޮވާލައްވައިފަ އެވެ. އަދި އަމާނާތްތެރިކަމާ އެކު ބަޖެޓުން ހޭދަކުރުމަށާއި އެއީ ރައްޔިތުންގެ ފައިސާކަން ކޮންމެ ފަރާތަކުން ވެސް ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތައް މިލިއަން ރުފިޔާއެއް ބަޖެޓުން ހަރަދުކޮށްފައި އަދި ނާޖާއިޒް ގޮތުގައި އެ ބައި މީހުން އެ ބައި މީހުންގެ އަމިއްލަ ޖީބުތަކަށް ލާ މަންޒަރު ވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެހެންވީމާ އަޅުގަނޑު ގޮވާލަން. އިންޑިޕެންޑެންޓް ހުރިހާ މުއައްސަސާތަކަށް ރައްޔިތުންގެ ފައިސާގައި ނުޖެހުމަށް،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓުގައި ހުރީ ސަރުކާރުގެ ކުންފުނިތަކާއި ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ކަމަށާއި އެއީ އަމާނާތްތެރިކަމާ އެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން ޖެހޭ އެއްޗެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ މި ބަޖެޓުގައި އޮޅުވާލާނެ ބައެއް ނޫން. މި ބަޖެޓުން ލާރި ކާނެ ބައެއް ނޫން. އެކަމަކު މީގައި ވެސް ތިބެދާނެ. ކުރީގައި ވެސް ދެންނެވި ގޮތަށް އެކަންތައް ކުރާނެ ބަޔަކު. އެހެންވީމާ، ކުރީ ބައިގައި މި ދެންނެވީ، ނަމަނަމައޭ! ހޯހޯއޭ! މިއީ ދިވެހި ނިކަމެތި ރައްޔިތުންގެ ފައިސާއޭ. މި ލާރީގައި އަތްލާ މީހަކު ވާ ވެސް ވެދާނެއޭ! ހެޔޮ ނުވާނެ މި ލާރީގައި އަތްލަން،" ސިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ބައެއް ފަރާތްތަކުން ކުރާ މަސައްކަތްތައް ވެސް ސިޔާމް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.
ބަޖެޓުގައި ހުރި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ގާއިމްވެފައި ނެތް ކަމަށެވެ. އެކަމަކު އަލަށް ނަގަން ފަށާ ގްރީން ޓެކްސްގެ ސަބަބުން އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ކުރިއަށް ދިޔަ ބަޖެޓުގެ ބަހުސްގައި ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ ބަޖެޓް ދިފާއުކުރައްވައިފަ އެވެ. ނަމަވެސް ކޮންމެ މެންބަރަކު ވެސް އެ ބޭފުޅެއް ނިސްބަތްވާ ދާއިރާ އަށް ބޭނުންވާ ކަންކަން ފާހަގަކުރެއްވި އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވިދާޅުވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. މި އަހަރުގެ ބަޖެޓްގައި ހިމެނި ގިނަ ކަންކަން ވެސް ހާސިލުނުވާ އިރު އަނެއްކާވެސް ދައްކަނީ ހުވަފެންތަކެއް ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ބަޖެޓްގެ ބަހުސް ކުރިއަށް ގެންދަން އާދީއްތަދުވަހު ވެސް ޖަލްސާ ބާއްވަން ވަނީ ނިންމައިފަ އެވެ.
މިނިވަން މުއައްސަސާތަކުން ނާޖާއިޒް ފައިދާ ހޯދާ ކަމަށް ސިޔާމް ތުހުމަތުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ