ފާރިސް އިންތިހާބު ކާމިޔާބު ކުރުމަކީ ސަރުކާރަށް ލިބޭނެ ބާރެއް: މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި އަށް ޕީޕީއެމުން ވާދަ ކުރައްވާ، އަހުމަދު ފާރިސް މައުމޫން އެ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ސަރުކާރަށް ލިބޭނެ ބާރެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ކާމިޔާބު ކުރެއްވި ފާރިސް އަށް އެކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވުމަށް އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ސަރުކާރުގެ ގިނަ ކަންތައްތަކެއް ނިންމޭ ކަމުގައި ވާނަމަ މަޖިލީހުގެ ކޮންމެ ގޮނޑިއެއް ވެސް މުހިއްމު ކަމަށެވެ. އެގޮތުގެ މަތިން ދިއްގަރު ދާއިރާގެ ގޮނޑި ފާރިސް ކާމިޔާބު ކުރެއްވުމަކީ ސަރުކާރަށް ލިބޭނެ އިތުރު ބާރެއްގެ އިތުރުން ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ލިބޭ ފަސޭހައަކަށް ވެސް ވާނެ ކަމަށް ވިދާޅުވި އެވެ. "އެހެންވެ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް މި ގޮނޑި ފާރިސް އަށް ކާމިޔާބު ކޮށްދެއްވުމަކީ. މިއީ އެ ދާއިރާ އަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެއް،" މައުމޫން ވިދާޅުވި އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވާހަކަފުޅު ދައްކަވާއިރު ޕާޓީގެ ނައިބު ރައީސް އަދީބު (ވ) -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ޕީޕީއެމަކީ ވަރަށް ވަރުގަދަ، ބަދަހި ޕާޓީއެއް ކަމަށެވެ. އަދި ޕްރައިމަރީން ފެނުނު މަންޒަރުތަކުން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މިހާރު އެ ޕާޓީގެ އަމާޒަކީ ބޮޑު ތަފާތަކުން، ދިއްގަރު ދާއިރާގެ ގޮނޑި ފާރިސް އަށް ހޯދައިދިނުން ކަމަށެވެ. އަދި އެކަމަށް އެ ޕާޓީން ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދީބު ވިދާޅުވީ ޕީޕީއެމަކީ ވޯޓުން ނަތީޖާ ދައްކާ ޕާާޓީއެއް ކަމަށާއި އެ ނަތީޖާ ދައްކާނީ މަގުމަތީގެ ބަދަލުގައި އިންތިހާބުތަކުގައި ވާދަކޮށްގެން ކަމަށެވެ. "އެހެން ޕާޓީތަކުން ނުފެންނަ ޑިމޮކްރަޓިކް ހަމަތައް މި ޕާޓީން އެބަ ފެނޭ. ޕްރައިމަރީން ވެސް އެކަން ފެނިގެން ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ. އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މަގުމަތީގައި ވަރުގަަދަ ކުރި ނަމަވެސް އެ ޕާޓީތައް އޮތީ ވަރަށް ބޮޑަށް ހާވިޔާ ވެފައި ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ޕީޕީއެމުން ފެނިގެން ދަނީ ވަރުގަދަ ކަމާއި އެއްބައިވަންތަކަން ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ