ޔައުގޫބުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ތާވަލްކުރައްވައިފި

މެންބަރު ކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ބުނެ، ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑިއާ މެދު ސުވާލު އުފައްދާ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހުގެ 9:00 އަށް ސުޕްރީމް ކޯޓުން ތާވަލްކުރައްވައިފިއެވެ.ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި އެދިފައިވަނީ، މެންބަރު ޔައުގޫބު އަބްދުﷲ ޤާނޫނު އަސާސީގެ 8 ވަނަ މާއްދާއާއި 73 ވަނަ މާއްދާއާ ހިލާފްވެވަޑައިގެންފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ދާންދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދެއްވުމަށެވެ.ޤާނޫނު އަސާސީގެ 8 ވަނަ މާއްދާ، ގާނޫނު އަސާސީގެ ސިޔާދަތުގައި ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިންކަމަށެވެ. އަދި 73 ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވަނީ (ހ) ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކާއި، (ނ) މެމްބަރު ކަމުން ވަކި ކުރެވޭނެ ހާލަތްތަކާއި އަދި (ރ) މެމްބަރަކަށް ހުރެ އަދާ ނުކުރެވޭނެ ވަޒީފާތަކެވެ.ނިމިގެން ދިޔަ ސެޕްޓެމްބަރު ތެރޭގައި ދައުލަތުގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތުވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުގެ މަޤާމަށް ޔަޢުޤޫބު ޢައްޔަންކޮށްފައެވެ. އަދި ޔަޢުޤޫބުވަނީ އެ މަޤާމާ ހަވާލުވެވަޑައިގެން އެ މަޤާމުގެ ފަތްކޮޅާވެސް ހަވާލުވެވަޑައިގެންފައެވެ. ޤާނޫންއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި މަޖިލިހުގެ މެމްބަރުންނަށް މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާނުކުރެވޭނެ ކަމުގައި ބަޔާންކޮށްފައިވުމުން ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފައްދާފައިވެއެވެ. އަދި އެ މޭރުމުން ފާޑުކިޔުން އަޒުވުމުން ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވައި އެކަން އިއުލާނުކުރައްވައިފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ