މެޖޯރިޓީ ގެއްލުނަސް ރައްޔިތުން ހޮވި ގޮތާ ހިލާފުވާކަށް ބޭނުމެއް ނޫން - ނިހާން

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނު ނަމަވެސް ރައްޔިތުން ހޮވި ގޮތާ ހިލާފުވާން ބޭނުން ނުވާކަމަށް ވިލިމާފަންނު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އެ ޓްވީޓްގައި ނިހާން ވަނީ މެމްބަރުންނަކީ ވިއްކާ މުދާތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.
އަދި މެމްބަރުން އިންތިހާބުވުމަށްފަހު ބޭނުން އަގަކަށް މާކެޓުގައި ވިކުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ރައްޔިތުންތަކެއް ތިއްބެވިތޯ ވެސް ނިހާން ވަނީ ސުވާލު ކުރައްވާފައެވެ.
ނިހާން މިހެން ވިދާޅުވިއިރު ޕީޕީއެމްގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންތަކެއް މިއަދު ވަނީ އެ ޕާޓީން ވަކިވެ ވަޑައިގެންފައެވެ. އެއާއެކު ސަރުކާރު ކޯލިޝަނަށް މިހާރު ވަނީ މަޖިލީހުގެ މެޖޯރިޓީ ވެސް ގެއްލިފައެވެ.
މިއަދު ޕީޕީއެމްއިން ވަކިވި މެމްބަރުން އުނިކުރުމުން ސަރުކާރު ކޯލިޝަނުގެ މިހާރު ތިއްބެވީ 40 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ 35 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ.
މިއަދު ޕީޕީއެމްއިން ވަކިވި ހުރިހާ މެމްބަރުންނަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރައްވާފައިވާ މެމްބަރުންނެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނި 45 މެމްބަރުން ސޮޔާއެކުއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު މަޖިލީހުގެ ޖަލްސާތަށް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކެންސަލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ