ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭނެ ކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާ ފައިސާ ނުދީ ހިފެހެއްޓިނަމަ ވެސް އެމްޑީޕީގެ ސިޔާސީ ހަރަކާތަށް ނުހުއްޓުވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީގެ މަގާމަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެވެ.
އިންތިހާބް ކާމިޔާބްކުރުމަށް ފަހު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ، ދައުލަތުގެ ބަޖެޓު ނިސްބަތްވާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާ ހަވާލުކޮށް ނިންމަންވާނެ ކަމަށެވެ. މި ކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީގެ ވާހަކަ ދައްކަވަނީ މިއަހަރުގެ ފުރަތަމަ ތިން މަސް ނިމި، އަހަރުގެ ފަހު ތިން މަސް ފެށިފައިވާއިރު ޕާޓީތަކަށް ފައީސާ ދޫކުރާނެ ދުވަހެއް އެ މިނިސްޓްރީން ނުބުނާތީ ކަމަށް އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވި ގޮތުގައި އިލެކްޝަން ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ ގާނޫނާއި ހިލާފަށް ފައިސާ ނުދީ ހިފެހެއްޓިނަމަ ވެސް އެޕާޓީގެ ހަރަކާތަށް ނުހުއްޓުވޭނެ ކަމަށެވެ. އަދި ޕާޓީގެ ލީޑަރޝިޕާއި އެކު ކުރިއަށް އޮތް ތަނުގައި ހަރަކާތައް ހިންގުމަށް މަޝްވަރާ ކުރުމަށް ފަހު ، މަސައްކަތް ފަށާނެ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.
ފައިސާ ނުދީ ލަސްކުރަމުންދާ މައްސަލައިގައި އެމްޑިޕީން ވަނީ ދައުލަތާއި ދެކޮޅަށް ދަޢުވާ ކޮށްފައެވެ. އެމްޑީޕީން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނި ބުރާސްފަތި ދުވަހުއެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ނިމި، އަހަރުގެ ފަހު ތިން މަސް ފެށިފައިވާއިރު ޕާޓީތަކަށް ފައިސާ ދޫކުރާނެ ދުވަހެއް ފިނޭންސް މިނިސްޓްރީން ނުބުނެއެވެ. މިދިޔަ އަހަރުވެސް ޕާޓީތަކަށް ފައިސާ ދޫކޮށްފައި ވަނީ ގާނޫނުގައި ބުނާ ތިން މަސްދުވަސް ފާއިތުވެ ދިޔަތާ އެތައް މަހެއް ފަހުން ނޮވެމްބަރު މަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ބުނަމުން ދިޔައީ ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެ ސަބަބަކާ ގުޅިގެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާތީ ފައިސާ ދޫނުކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ބުނެފައިވެއެވެ.
ނަމަވެސް، މިއަހަރު ފައިސާ ދޫކުރުން ލަސްވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފޮނުވާފައިވާ ކަމަށާއި ކޮމިޝަނުން ކުރަންޖެހޭ ކަންތައްތައް ކޮށް ނިމިފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، ޕީޕީއެމްއަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ފައީސާ ނުދީ ހިފެހެއްޓިދާނެ، ސިޔާސީ ހަރަކާތެއް ނުހުއްޓުވޭނެ: އަހުމަދު އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ