މައިނޯރިޓީއަށް ވެއްޓުނަސް ރައްޔިތުން ހޮވިގޮތާ ހިލާފުވާކަށް ބޭނުމެއް ނުވޭ - ނިހާން

ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީއަށް ވެއްޓުނު ނަމަވެސް ރައްޔިތުން ހޮވި ގޮތާ ޚިލާފުވާން ބޭނުން ނުވާކަމަށް ވިލިމާފަންނު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕާޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން 10 މެންބަރުން ޕާޓީއިން ވަކިވެވަޑައިގެން, ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިފައިވާ ދަނޑިވަޅެއްގައި ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައިނޯރިޓީއަށް ވެއްޓި މެޖޯރިޓީ ގެއްލުނު ނަމަވެސް ރައްޔިތުން ހޮވި ގޮތާ ޚިލާފުވާން ބޭނުން ނުވާ ކަމަށެވެ. އަދި މެންބަރުންނަކީ ގަނެ ވިއްކާ މުދަލެއް ނޫން ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް އެއްފަހަރާ ޕާޓީން ވަކިވެފައި މިވަނީ, ސިޔާސީ ޕާޓީއެއް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި މިއަދު އެދިފައިވަނިކޮށެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ހުށައެޅި ދުސްތޫރީ މައްސަލާގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެދިވަޑައިގަތީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 74 ވަނަ މާއްދާ އަދި 75 ވަނަ މާއްދާ މާނަކޮށް، މަޖިލިސް މެންބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެންބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެގޮތުން ނިހާންކުރެއްވި އެހެން ޓްވީޓެއްގައި އޭނާ ވަނީ މެންބަރުން އިންތިހާބްވުމަށްފަހު އެމީހުން ބޭނުން އަގަކަށް މާކެޓްގައި ވިއްކުން އެއީ ރަނގަޅު ކަމެއްކަމަށް ދެކޭ އެއްވެސް ރައްޔިތަކު ހުންނެވިތޯ ސުވާލު އައްސަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި މަހުގެ 24 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު, މިވަގުތު މަޖިލީހުގައި ތިއްބެވީ ޕީޕީއެމްގެ 35 ބޭފުޅުންނެވެ. އެމްޑީއޭގެ ފަސް މެމްބަރުން ލައިގެން ޕީޕީއެމް ކޯލިޝަންގެ ހިމެނެނީ 40 މެމްބަރުންނެވެ.
މަޖިލީހުގެ ޖުމްލަ އަދަދަކީ 85 އަކަށްވާ އިރު އެމްޑީޕީގައި 21 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 7 މެންބަރުންގެ އިތުރުން އަދާލަތު ޕާޓީގެ މެންބަރުލައިގެން އިދިކޮޅު އިއްތިހާދުގައި ތިއްބެވި މަޖިލީހުގެ މެންބަރުންގެ ރަސްމީ އަދަދަކީ 29 އެވެ.
އެހެން ނަމަވެސް ވަކި ޕާޓީއަކާ ނުގުޅި ތިއްބެވި 16 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިހާރު ތިއްބެވީ ސަރުކާރާ އިދިކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ