ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް ހައި ކޯޓުން ކުރި ވަގުތީ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

މެލޭޝިއާގެ ނެކްސްބިޒްއާ ހަވާލުކޮށްގެން އިމިގްރޭޝަން ޑިޕާޓްމަންޓުން ގާއިމްކުރަން އުޅޭ ބޯޑަ ކޮންޓްރޯލް ސިސްޓަމް މަޝްރޫއުގެ ފަހަތުގައި ކޮރަޕްޝަނަށް މަގު ފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ބެލެވޭތީ އެކަން ތަހުގީގުކުރަންދެން މަސައްކަތް މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި އެންގުމަށް ތާއީދުކޮށް ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ސުޕްރީމް ކޯޓުން މިރޭ ބާތިލް ކޮށްފި އެވެ. ގާތްގަނޑަކަށް 500 މިލިއަން ރުފިޔާގެ މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނީ މަސައްކަތް ހުއްޓާލުމަށް އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީން އިސްތިއުނާފަށް ހުށަހެޅުމުންނެވެ. ހައި ކޯޓުން އެއް ފަހަރު ވަގުތީ އަމުރެއް ނެރެފައި ވަނިކޮށް، އެ އަމުރު ނެރުނީ ޣައިރު ގާނޫނީ ބެންޗަކުން ކަމަށް ބުނެ އެ ބެންޗުގެ ހުރިހާ ނިންމުންތަކެއް ވެސް ސުޕްރީމް ކޯޓުން މީގެ ކުރިން ބާތިލްކޮށްފައިވެ އެވެ. ވަގުތީ އަމުރެއް ނެރޭއިރު ކޯޓުން ބަލަންޖެހޭ ކަންތައްތައް ފާހަގަކުރަމުން ސުޕްރީމް ކޯޓުގެ ހުކުގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާއަކުން ކުރަމުން ގެންދާ މަސައްކަތެއް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާ އެންގުމަކަށް އަމަލުކުރުން އެ އިދާރާތަކުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމްވާ ކަމުގެ އިހްތިމާލް ވުޖޫދުގައި ނުވާ ކަމަށެވެ. އަދި ދައުލަތުގެ އިދާރާ އަކަށް އެފަދަ އެންގުމެއް އެންގުމުގެ ހައްގު އޭސީސީ އަށް ލިބިދޭ ގާނޫނީ ގާއިދެއް ވެސް ނެތް ކަމަށެވެ. އެހެންވެ ގާނޫނީ ބޯޑަ ކޮންޓްރޯލް މަސައްކަތް މަޑުޖައްސާލަން އޭސީސީން އެންގި އެންގުމަށް ހައި ކޯޓުން ތާއީދުކޮށް ވަގުތީ އަމުރެއް ނުނެރެވޭނެ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. މީގެ އިތުރުން، ގާނޫނު އަސާސީގެ 202 ވަނަ މާއްދާ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއާ ހަވާލާދީ ހުކުމުގައި ބުނެފައި ވަނީ ޕަބްލިކް ލޯގެ ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް އެންގުމުގެ ނުވަތަ އަމުރު ކުރުމުގެ އިހްތިސާސް ލިބިގެން ނުވާ ކަމަށެވެ. އަދި އެ މާއްދާތަކުން އޭސީސީ އަށް ޖުމުލަ ގޮތެއްގައި ލިބެނީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައް ތަހުގީގުކުރުމާއި އެ ތަހުގީގު ފުރިހަމަކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންތައް ކުރުމުގެ ބާރު ކަމަށް ވެސް ހުކުމުގައިވެ އެވެ. ހުކުމުގައި ވަނީ އޭސީސީގެ އިހްތިސާސްގައި ހިމެނޭ ޖިނާއީ ތަހުގީގެއް އެއްވެސް މައްސަލައެއްގައި ކުރާ ނަމަ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކަށް ތަބާވާންޖެހޭނެ ކަމަށެވެ. އެގޮތުން ތަހުގީގެއްގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ޖިނާއީ ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ ކޮންޓްރެކްޓެއް ހުއްޓުވޭނީ ވެސް ޖިނާއީ އިޖުރާއަތުގެ ތެރެއިން ކަމަށް ބުނެފައިވެ އެވެ. އެގޮތުން، ހުއްދަ ނުކުރާ ކޮންޓްރެކްޓެއް ކަމަށް ދެކިގެން އެ ކޮންޓްރެކްޓުގައި ނުހިމެނޭ ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން އެ ކަމެއް ހުއްޓުވޭނީ ކަމާ ބެހޭ ކޯޓަކަށް ހުށަހަޅައިގެން ކަމަށާއި ހައި ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ ކޮންޓްރެކްޓާ ހިލާފުވުމުގެ މައްސަލައެއްގައި ނޫން ކަމަށް ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެ އެވެ. އަދި ބުނެފައި ވަނީ އެއީ އޭސީސީގެ ސިޓީއަކުން އަންގާފައިވާ އިދާރީ އެންގުމެއްގެ މައްސަލަ ކަމަށެވެ. ހުކުމުގައި ބުނެފައި ވަނީ ހައި ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ ވަގުތީ އަމުރު ނެރެދިނުމަށް އެދުނު ދައުވާގެ އަސްލު މައުލޫ އަށް ވެސް ފައިސަލާވާ ގޮތަށް ކަމަށެވެ. ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ދައުލަތުގެ ބަންޑާރަ ނާއިބު ތަމްސީލުކުރާ ފަރާތަކީ ދައުލަތް ކަމަށްވާއިރު ދައުވާއާ ގުޅިގެން ވަގުތީ އަމުރެއް ނެރެން ނުޖެހޭ ކަމަށް ދައުލަތުން ވަކާލާތުކޮށްފައިވާ ކަމަށާއި އެކަމަކު އިސްތިއުނާފީ މަރުހަލާގައި ކޮންޓްރެކްޓު ހުއްޓުވަން އަމުރެއް ނެރެންޖެހޭ ކަމަށް ވަކާލާތު ކުރުމަކީ ދިމާނުވާ ކަމެއްކަމަށް ވެސް ހުކުމުގައިވެ އެވެ. ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، އަބްދުﷲ ސައީދު އަދި އާދަމް މުހައްމަދު އަބްދުﷲ ބެއްލެވި މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ މަދަނީ މައްސަލައެއްގައި ވަގުތީ އަމުރު ނެރުމާއި ފިޔަވަޅު އެޅުމަކީ ކޯޓަށް ލިބޭ މުތުލަގު ބާރެއް ނޫން ކަމަށެވެ. އަދި ކޯޓުން ބޭނުންކުރަންވާނީ ގާނޫނީ އާންމު އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގާނޫނު އަސާސީގެ 68 ވަނަ މާއްދާއިން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ