ރައީސް މައުމޫން އަބްދުލް ގައްޔޫމް މަސައްކަތްކުރައްވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ މިހާރު ވެރިކަމުގައި ހުންނެވި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ކަމުގައި ހެއްދެވުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޮޑު ތިލަދުންމަތީ ވައުދުގެ ދަތުރުގެ ތިން ވަނަ ޖަލްސާގައި ރޭ ފޯކައިދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަރަށް ޔަގީން ކަމާއެކު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރައްވަން 30 އަހަރުގެ ޚުދުމުޚްތާރު ވެރިޔާ މައުމޫނު އަބްދުލް ގައްޔޫމް ނިކުމެވަޑައިނުގަންނަވާނޭ ކަމަށެވެ. މީގެ އިތުރުން ޑރ.ވަހީދު ނުވަތަ އެހެން ބޭފުޅަކު އެމަނިކުފާނާ ވާދަކުރައްވަން ނިކުމެވަޑައިގެންނެވި ނަމަވެސް ސާދާ ކަމާއެކު ވަރަށް ފަސޭހައިން “ކިހިލި ޖަހައިގެން” އެއްބުރުން އެ ކެންޑިޑޭޓަކު ބަލިކުރައްވާނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑރ. ވަހީދާ މެދު ކުރެވޭ ބޯރޑަރ ކޮންޓްރޯލް ސިސްޓަމުގެ ކަރަޕްޝަންގެ ތުހުމަތަށް ވެސް ރޭގެ ޖަލްސާ ގައި ރައީސް ނަޝީދު އަލިއަޅުވާލެއްވިއެވެ. މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މި ހުރިހާ ދުވަހު ވެސް ނައިބު ރައީސަކު އައްޔަންނުކޮށް ހުންނެވީ "ބަޣާވާތެއް ކާމިޔާބުކުރުމަށް ބޭވަފާތެރި ނައިބު ރައީސެއް ބޭނުންވާކަން މައުމޫނަށް ވިސްނިވަޑައިގަންނަވާތީ،" ކަމަށެވެ. އަދި އެންމެ ފަހުން ގާނޫނު އަސާސީގައި ލިޔެ ނައިބު ރައީސަކު ހޮވުމުން އެ ނައިބު ރައީސް މެދުވެރިކޮށް މައުމޫން މިވަނީ ބަޣާވާތެއް ގެންނަވާފައި ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ފޯކައިދޫގެ ތަރައްގީގެ މަޝްރޫއުތައް ނުހިންގި ވަނީ ބަޣާވާތަކުން ވެރިކަން ބަދަލުކުރުމުން ކަމަށާއި، އިރާދަކުރެއްވިއްޔާ ދެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ފޯކައިދޫ ބަނދަރު ހަދައި، ނަރުދަމާ އަޅައި، ފޯކައިދޫ ސްކޫލް އެއް ދަންފަޅިއަށް ބަދަލުކޮށް، އެރަށުގެ ދަނޑުވެރިކަން ތަރައްގީކޮށް، ވަޒީފާ އުފައްދަވައިދެއްވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފޯކައިދޫ ދަނޑުވެރިންނަށް ކުޅުދުއްފުއްޓަށް ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކޭނޭ އިންތިޒާމް ހަމަޖައްސައި، ކުޅުދުއްފުއްޓާއި އެރަށާ ފެރީގެ ނިޒާމުން ގުޅާލެވިފައިވީ ނަމަވެސް ފެރީގެ ނިޒާމް މިހާރު ހުއްޓާލާފައިވާތީ ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
އެމްޑީޕީ ސަރުކާރު އައުމުގެ ކުރިން ގޯޅިގޯޅި ކަންމަތީގައި ބިތްޖެހިފައި، އެކަނިވެފައި، މާޔޫސްވެފައި ތިބި ކުދިންގެ އަދަދު ފެނިވަޑައިގެންނެވި ކަމަށާއި، އެކުދިންގެ މައިންބަފައިންނާ ގާތްތިމާގެ މީހުން އެކަމާ މެދު ކުރާ ހިތާމަ ފެނި، އެމްޑީޕީން ދޮރުން ދޮރަށް ހިނގައި އެކުލަވާލި މެނިފެސްޓޯގައި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށް ކުރި މަސައްކަތުން އެމްޑީޕީ ސަރުކާރުގައި އެފަދަ ކުދިންގެ އަދަދު ވަރަށް ބޮޑުތަނުން މަދުކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
" ރާއްޖެ އެތެރެވާ ބާރުގަދަ މަސްތުވާ ތަކެތި އެތެރެވުން 50 އިންސައްތައަށް ދަށްކުރެވުނު. ނަމަވެސް މިހާރު މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާ އެތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި މަސްތުވާތަކެތި އެތެރެވާ ދޮރުތަން ބަންދުކުރުމަށް ކުރި މަސައްކަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅުން ފުލުހުންގެ ތެރޭގައި ތިބި ކަމަށެވެ.
ރައީސް މައުމޫން މަސައްކަތްކުރައްވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޑރ.ވަހީދުއަށް ދެއްވުމަށް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ