ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން

ޕީޕީއެމްގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް އަދި ޕީޕީއެމްގެ އިންތިޤާލީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ޕީޕީއެމްގެ ރައީސް ކަމަށް ހަމަޖައްސައިފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޤައުމީ ޖަލްސާގެ މެންދުރުފަހުގެ ދަންފަޅީގައި ރައީސް މައުމޫން ޕީޕީއެމްގެ ރައީސް ކަމުގެ މަޤާމަށް "އޮޓޮމެޓިކުން" އިންތިހާބުވެވަޑައިގެންފައިވާ ކަމަށް އިއުލާނު ކުރެއްވީ ޤައުމީ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސީނާ އަޙްމަދު ޒާހިރުއެވެ.
"ރައީސް މައުމޫނުގެ ޒައާމަތުގައި މި ޕާޓީ އާއުސްމިސްތަކަކަށް ގެންގޮސްދޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން" ޒާހިރު ވިދާޅުވި އެވެ.
ޕީޕީއެމްގެ އަސާސީ ޤަވައިދުގައިވާ ގޮތުން ރައީސް މައުމޫން އެމަޤާމުގައި ކުރިއަށް އޮތް ފަސް އަހަރު ދެމިހުންނަވާނެއެވެ.
ރައީސް މައުމޫނެކޭ އެއްފަދައިން އެމަނިކުފާނުގެ އަންހެން ދަރިކަނބަލުން ދުންޔާ މައުމޫން އަންހެނުންގެ ހަރަކާތުގެ ރައީސާއަކަށް ހޮވިވަޑައިގެންނެވީވެސް އެމަޤާމަށް އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ އޮޓޮމެޓިކުންނެވެ.
ޕީޕީއެމްގެ ޤައުމީ ކޮންގްރެސްގައި ނައިބު ރައީސް ކަަމަށް އިންތިހާބު ކުރާ ދެ ބޭފުޅުން ހޮވުމަށްޓަކައި މިހާރު ވަނީ ވޯޓުލާ ނިމިފައެވެ. ނަމަވެސް އަދި ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ. އިއްޔެ ފެށި ޕީޕީއެމްގެ ޤައުމީ ޖަލްސާގެ ހުރިހާ ކަމެއްވެސް އަދި މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް މައްސަލައެއް ނުޖެހި ވަރަށް އޮމާންކަމާއިއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ