ރައީސް މައުމޫނުގެ އަށް މެންބަރުން ރައީސް ނަޝީދު ވަކިކުރެއްވި މައްސަލައާއެކު އިންތިގާލީ ސުޕްރީމް ކޯޓުގައި ހުރި މައްސަލަތައް ދާއިމީ ސުޕްރީމް ކޯޓުން ބަލަން ފަށައިފި

ރައީސް މައުމޫނުގެ އަށް މެންބަރުންގެ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ދައުލަތާ ދެކޮޅަށް ކުރައްވާ ދައުވާއާއެކު އިންތިގާލީ ސުޕްރީމް ކޯޓުން ބަލައި ނުނިންމާ ހުރި މައްސަލަތައް ތާވަލްކޮށް ދާއިމީ ސުޕްރީމް ކޯޓުން އެ މައްސަލަތައް އަލުން ބަލަން ފަށައިފި އެވެ.މިއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރައްވާފައިވާ އަށް މެންބަރުން މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރެއްވި މައްސަލަ އެކެވެ.އަށް މެންބަރުންގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު މިއަދު އެންގެވީ ދައުވާ ހުށަހެޅުމަށެވެ. އަދި އެ ދައުވާ އަށް ދައުލަތުން ޖަވާބު ދެއްވުމަށް ވެސް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ. މިއަދު ދައުވާ އިއްވައި ދައުލަތުން އެއަށް ޖަވާބުދާރީވުމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެ މައްސަލައިގައި ވަރަށް އަވަހަށް ހުކުމްކުރައްވާނެ ކަމަށެވެ. އަށް މެންބަރުންގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ބަލާ ކޮންމެ މައްސަލައެއް ނިންމަންވާނީ އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.އިންތިގާލީ ސުޕްރީމް ކޯޓުން ބަލައި ނުނިންމާ ހުރި މައްސަލަތައް ތާވަލްކޮށް ދާއިމީ ސުޕްރީމް ކޯޓުން އެ މައްސަލަތައް އަލުން ބަލަން ފެށުމުން މިއަދު އިތުރު މައްސަލައެއް ވެސް ބޭއްވެވި އެވެ. އެއީ ފައިސާ ހޯދުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެހެން މީހެއްގެ މައްޗަށް ކުރައްވާ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ