ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ފަހިކޮށްދޭން ޖެހޭ: ފައިސަލް

ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ލިބޭނެ މަގު ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަމަށް، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ. މަޖިލިހުގެ ތަޅުމުގައި މިއަދު ފެށި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި، އަދި ޖުމްހޫރީ ޕާޓީގެ ފައިސަލް ވިދާޅުވީ ބޭރު މީހުންނަށް ޓޫރިޒަމްގެ މަތީ ވަޒީފާތައް ލިބިފައި ވަނީ އެ ގާބިލްކަން ހުރި ދިވެހި ޒުވާނުން ނެތިގެން ނޫން ކަމަށެވެ. ޓޫރިޒަމްގެ "ބޮޑެތި މުސާރާގައި އަދިވެސް ގިނައީ ބޭރުގެ ފަރާތްތައް. އެގޮތަށް އިސްކަން ދީފައި އޮންނަނީ އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާ، ގާބިލް ޒުވާނުން ނެތިގެންނެއް ނޫން،" ފައިސަލް ވިދާޅުވި އެވެ. "ކުރިންސުރެ އެގޮތަށް އެކަން ވާތީ." އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހިފެހެއްޓިފައި އޮންނަ ދުވަސްވަރަކަށް ވާތީ ސަރުކާރުން ބަލަން ޖެހޭނީ ރާއްޖޭގައި ބެހެއްޓެން ހުރި ފައިސާއެއް ގައުމުން ބޭރަށް ދިޔަ ނުދޭނެ ގޮތްތައް ހޯދާށެވެ. އެހެންކަމުން ޓޫރިޒަމް ދާއިރާގެ މަތީ ފަންތީގެ ވަޒީފާތައް ދިވެހިންނަށް ފަހިކޮށް ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާ އަންނަ އަހަރު ކުރިއަށް ދާނެ ކަމަށް ސަރުކާރުން ލަފާކުރާ މިންވަރަށް މައްޗަށް ހިނގައިދާނެ ކަމާ މެދު ޝައްކެވެ. އޭގެ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިގުތިސާދީ ކުރިއެރުން ހުރި ގޮތެވެ. ފައިސަލް ވިދާޅުވީ ބަޖެޓްގައި ހިސާބުތަަކެއް ޖަހާއިރު ދުނިޔޭގެ ތަފާސްހިސާބުތަކަށް ވެސް ބަލަން ޖެހޭ ކަމަށެވެ. އެކަމަކު އެގޮތަށް ނުބަލައި، ބޮޑެތި އަދަދުތަކެއް ބަޖެޓްގައި ޖެހުމުން، އާންމުން އުއްމީދުކުރާނީ ގިނަ ކަންތައްތަކެއް ކުރަން ކަމަށާއި އެކަންކަން ނުވާ ނަމަ ހިތްހަމަނުޖެހުން ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ