ކުރިއަށް އޮތް ހަތަރު ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބޮޑެތި ކަންތައްތަކެއް ހިންގާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބު ލީޑަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދުވަނީ އެވާހަކަތައް ތަކުރާރުކޮށްފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. އަލީ ވަހީދު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަތަރު ހުކުރުގެ ތެރޭގައި މަޖިލީހުން ސިޔާސީ މަސްރަހު އޭގެ ވަޒަން ހިފާނެ ކަމަށެވެ. އަދި މީގެ ކުރިން އެކަންތައްތައް މަޑު ޖެހިފައި އޮތީ ސްޕްރީމު ކޯޓުގެ ސަބަބުން ކަމަށާއި މިހާރު ސްޕްރީމު ކޯޓުން އިއްވާނެ އިތުރު ހުކުމެއް ވެސް ނެތް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރޭގައި ބޮޑެތި ކަންތައްތަކެއް ހިންގާނެ ކަމުގެ އިޝާރާތެއް އެމްޑީޕީ ޕީޖީ ޑެޕިއުޓީ ލީޑަރު ދެއްވާފައިވާ އިރު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލު އަހުމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމުގެ މައްޗަށް އެމްޑީޕީންވަނީ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް މަޖިލީހަށް ވައްދާފައެވެ.
އެމައްސަލަތައް ތާވަލު ނުކުރެވި ލަސްވެގެން ގޮސްފައިވަނީ ވޯޓު ސިއްރު ކުރުމާއި ގުޅޭ ގޮތުން ސްޕްރީމު ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮތުމުންނެވެ. ނަމަވެސް ސިއްރު ވޯޓު ނުނެގޭނެ ކަމަށް ސްޕްރީމު ކޯޓުން ނިންމުމާ އެކު އެމައްސަލަތައް ތާވަލު ކުރުމަށް އިތުރު ހުރަހެއް ނެތް ކަމަށް އެމްޑީޕީންވަނީ ބުނެފައެވެ.
ކުރިއަށް އޮތް ހަތަރު ހަފްތާގެ ތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގާނެ: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ