އަބްދުﷲ ހަމީދުގެ ހަށިކޮޅު ފަސްދާނުލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަދި ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަބްދުﷲ ހަމީދުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުުލައިފި އެވެ. އަބްދުﷲ ހަމީދުގެ ސަންދޯއް ވަޅަށް ތިރިކުރަނީ -- ހަވީރު ފޮޓޯ: މުހަންމަދު ޝަރުހާން ދައުލަތުގެ ފަރާތުން އެންމެ ފަހުގެ އިހުތިރާމާ އެކު، ސިފައިންގެ ހަތް ބަޑީގެ ސަލާމާ އެކު ހަށިކޮޅު ފަސްދާނުލީ ގަލޮޅު ސަހަރާގަ އެވެ. އަބްދުﷲ ހަމީދަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރީ ތިން މުށް ވެލިންނެވެ. އެންމެ ފުރަތަމަ އިހުތިރާމް އަދާކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ދެން ރައީސް އަބްދުﷲ ޔާމީނެވެ. ހަމީދު، 76، ގެ ސަންދޯއް ގަލޮޅު ސަހަރާ އަށް ގެންދިޔައީ ދިވެހި ދިދައެއް ސަަންދޯކުގެ މަތީގައި އަޅައިގެންނެވެ. އެ ދިދަ ފަހުން ފަތްޖަހާލުމަށް ފަހު ސިފައިން ވަނީ ދަރިކަލުން ހަމްދޫން ހަމީދަށް އަރުވައިފަ އެވެ. އަދި ސިފައިން ސަަންދޯކުން އަތް ދޫކޮށްލުމާ އެކު ވަޅާ ހަމަ އަށް ސަންދޯއް ގެންގޮސްފައި ވަނީ އެ މަނިކުފާނު ފިރިހެން ބޭފުޅުންނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަރަށް ގިނަ އިއްޒަތްތެރިން ވެސް ބަައިވެރިވަޑައިގަތެވެ. އަދި ވަރަށް ގިނަ އަދަދެއްގެ އާންމުން ވެސް ބައިވެރިވި އެވެ. އަބްދުﷲ ހަމީދުގެ މައްޗަށް ކަށުނަމާދު ކުރަނީ -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަންގާރަ ދުވަހު ހަވީރު އިންޑިޔާގެ ބެންގަލޫރުގައި އަވަހާރަވި ކުރީގެ އެޓޮލްސް މިނިސްޓަރުގެ ހަށިކޮޅު ރާއްޖެ އަށް ގެނައީ މިއަދު ހެނދުނެވެ. އެމަނިކުފާނުގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު އިސްލާމީ މަރުކަޒުގައި އޮތެވެ. ކަށު ނަމާދު އޮތީ މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. އެމަނިކުފާނުގެ މޫނު ދެކުމަށާއި ކަށު ނަމާދަށް، ވަރަށް ގިނަ ބަޔަކު ދިޔަ އެވެ. އިމާމްވެ ކަށުނަމާދު ކޮށްދެއްވީ ރައީސް މައުމޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ