އާޒިމާއި ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ އޮތުމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މީހަކު މިއަދު ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅީ ނ. ވެލިދޫ، އެލްޕާޝޯ މުހައްމަދު ހަލީމް އެވެ. ނަމަވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، ރަޖިސްޓްރީކުރިކަން އަދި ނޭނގެ އެވެ. މައްސަލަ ހުށަހެޅީ ސާބިތު ދަރަންޏެއް އޮވެ އެ ދަރަނީގެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެކަމަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ 1 ގައި ބަޔާންކޮށްފައި ވާތީ އާޒިމާއި ނާޝިޒުގެ ގޮނޑި ހުސްވެފައިވާކަން ކަނޑައަޅައިދިނުމަށް އެދި ކަމަށް ހަލީމް ބުންޏެވެ. އޭނާ މި މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުންނެވެ. ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 2010 ގައި ކުރި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ މައްސަލަ، އާޒިމާއި ނާޝިޒަށް ރައްދުވާތީ މި ދެ ބޭފުޅުންގެ މެންބަރުކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ލޯނަން ގެރެންޓީ ދެއްވި ތިން ބޭފުޅުންގެ ތެރޭގައި އެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ލޯނުގެ ރަހުނުތައް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލް އަށް މިދިޔަ ބުރާސްފަތިދުވަހު ވަނީ ދީފަ އެވެ. ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ އޮތުމުން ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ