ޝަހުމް މެން ފިލިއިރު އެމީހުން ވަނީ ގޮޅީގައި ތިބިަކަން ދައްކަން ޑަމީއެއް ހަދަފާއި: އުމަރު
އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ނުރައްކާތެރި ދެ ކުށްވެރިން ކަމަށްވާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހުމަދު މާފުށީ ޖަލުން ފިލިއިރު އެދެމީހުން ވަނީ ގޮޅީގައި ތިބިކަން ދައްކަން ބާލީހުން ޑަމީއެއް ހަދާފައި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން "ހަވީރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އުމަރު ވިދާޅުވީ ޖަލު ބަލަހައްޓާ މީހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ގޮޅިތަކުގައި ތިބި ގައިދީންގެ ބޯ ގުނިއިރު، ޝަހުމް 23، އާއި ފަރިޔާޝް 26، ގޮޅީގައި ތިބިކަން ދައްކަން ޑަމީއެއް ހަދާފައި ބާއްވާފައި އޮތް ކަމަށެވެ. "ބާލީހަކަށް ގަމީހެއް ލައްވާފައި މޫނެއް ވެސް ހަދާފައި ބިއްދޮށަށް ބާއްވާފައި އޮތީ. އެއީ އަސްލު ކަމަށް ބަލާފައި އެދެމީހުންގެ ބޯ ވެސް ޖަލު ބަލަހައްޓާ މީހުން ގުނީ،" އުމަރު ވިދާޅުވި އެވެ. އެހެން ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި ޝަހުމް އާއި ފަރިޔާޝް ފިލީ އެހެން ގޮޅިއަކަށް ގޮސްގެންނެވެ. ޝަހުމް (ކ) އާއި ފަރިޔާޝް: އެމީހުން ފިލިއިރު ވަނީ ގޮޅީގައި ތިބިަކަން ދައްކަން ޑަމީއެއް ހަދަފާއި ކަމަށް އުމަރު މިރޭ ވިދާޅުވި. މިހާތަނަށް ގައިދީންގެ ބޯ ގުނާ މީހާ އެކަން ކުރަނީ ގޮޅިއަށް ނުވަދެ ގޮޅި ކުރިމަތީގައި ހުރެގެންނެވެ. އެކަން އެހެން ކުރަމުން އައީ ކޮންމެ ފަހަރަކު ގޮޅިއަށް ވަނުމަކީ ރައްކާތެރި ކަމަކަށް ނުވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވި ގޮތުގައި ޝަހުމް އާއި ފަރިޔާޝް "ޑަމީ" ޖެއްސުމާ ގުޅިގެން، ގޮޅިތަކުގައި ތިބޭ މީހުންގެ ބޯ ގުނާ އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. މިހާރު ޕްރޮޓޮކޯލް ހަމަޖައްސާފައިވާ ގޮތުން ނަމަ ގައިދީއެއްގެ ބޯ ގުނި ކަމަށް ބަލާނީ އެ ގައިދީއަކު ހަރަކާތެއް ގެނައުމުންނެވެ. "މިހާރު ޕްރޮޓޮކޯލް ހަމަޖެއްސި ގޮތުން ބޯ ގުނާ މީހާ ގޮވާލުމުން ގައިދީ ޖެހޭނެ ހަރަކާތެއް ގެންނަން. ފައި ހިއްލައިގެން ނަމަވެސް ހަރަކާތެއް ގެންނަން ޖެހޭނެ. ގޮވާއިރު އެއްވެސް ހަރަކާތެއް ނެތް ނަމަ ބޯ ގުނާ މީހާ ގޮޅިއަށް ވަންނާނެ،" އުމަރު ވިދާޅުވި އެވެ. ޝަހުމް އާއި ފަރިޔާޝް ފިލިކަން އެނގުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:30 ހާއިރު އެވެ. އެކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް އެންގީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އުމަރު ވިދާޅުވި ގޮތުގައި ޝަހުމް އާއި ފަރިޔާޝް ހޯދޭނެ ކަމުގެ ޔަގީންކަން ބޮޑެވެ. އެކަމަކު އެދެމީހުން މާފުށީގައި ތިބި ކަމެއް ނުވަތަ ނޫން ކަމެއް ކަނޑައެޅިގެން ދަންނަވަން ދަތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ފުލުހުން ބުނީ މުޖުތަމައަށް ނުރައްކާތެރި ކުށްވެރިއްގެ ގޮތުގައި ބެލެވޭ ޝަހްމަކީ ޓެރަރިޒަމްގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށެވެ. އަދި ފަރިޔާޝް އަކީ މަރުގެ މައްސަލައެއް ސާބިތުވުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ޝަހުމް އާއި ފަރިޔާޝްއާ މެދު އިތުރަށް ސަމާލުވާން ފުލުހުން ވަނީ މިރޭ އިލްތިމާސްކޮށްފަ އެވެ. އޭނާ ހޯދުމަށް ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އާއި ކޯސްޓް ގާޑް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަނޑުގެ ސަރަހައްދާއި މާފުށީ ކައިރި ރަށްރަށް ވެސް ސިފައިންނާއި ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ބައެއް ގޭގެ ވެސް މިހާތަނަށް ފާސްކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ