ޚުލާސާ ރިޕޯޓް ނުދޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނޭ: ދިޔާނާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޖަލަށް ލުމަށް ކުރި ހުކުމްގެ ޚުލާސާ ރިޕޯޓް ނުދޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. ކުޑަކަމުދާތަކެތި ނުދިނުމުގެ ކުށުގައި ޖާބިރު ޖަލަށް ލުމަށް މިދިޔަ ބުރާސްފަތިދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ޖާބިރުގެ ފަރާތުން އިއްޔެ ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހެޅީ މައްސަލަ ނިންމި ގޮތުގެ ޚުލާސާ ރިޕޯޓެއް ނެތި އެވެ. ދިޔާނާ މިއަދު "ހަވީރަ"ށް ވިދާޅުވީ މައްސަލަ ނިންމި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ރިޕޯޓް ލިބިފައިނުވާ ކަމަށާއި ރިޕޯޓް ހޯދަން ކޯޓަށް މިއަދު ދިއުމުން އެ ރިޕޯޓް ނުލިބޭނެ ކަމަށް ގާޒީ ވިދާޅުވި ކަމަށް ކޯޓުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ރިޕޯޓް ނުލިބޭނެ ކަމަށް ނިންމި ނިންމުން، ލިޔުމުން ހޯދަން އެދިފައިވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ. "މީގައި މައްސަލައަކީ ރިޕޯޓް ނުދޭނެ ކަމަށް މުތުލަގުކޮށް ވިދާޅުވީމަ. ދެން އަޅުގަނޑު ދެންނެވިން އެ ނިންމުން ވެސް ލިޔުމުން ދޭށޭ. އޭރުންނޭ އެ ނިންމުން ވެސް އިސްތިއުނާފް ކުރެވޭނީ. އެހެން ވިދާޅުވީމަ އެންގެވީ އެކަމަށް ވެސް ލިޔުމުން އެދޭށޭ. ދެން އަޅުގަނޑު އެކަމަށް ވެސް ލިޔުމުން އެދިގެން މި ހުންނަނީ" ލިޔުން ހޯދުމަށް ކްރިމިނަލް ކޯޓަށް ވަޑައިގެން އެތަނުގައި ހުންނަވައިގެން ދިޔާނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މައްސަލަ ނިންމި ގޮތުގެ ޚުލާސާ ރިޕޯޓަކީ މައްސަލަ ނިންމާ ދުވަހު ދޭންޖެހޭ އެއްޗެއް ކަމަށް ސުޕްރީމް ކޯޓުން ކުރިން އަމުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ރިޕޯޓް ނުލިބޭތީ އެކަމުގެ ސަބަބުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމިފައިނުވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި އެ ރިޕޯޓް ހޯދުމަށް ހައި ކޯޓުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޓުން ބުނެފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ރިޕޯޓަކީ މައްސަލަ ނިންމާތާ 14 ދުވަސް ތެރޭގައި ދޭންޖެހޭ އެއްޗެއް ކަމަށާއި އަދި އެ މުއްދަތަ ހަމަނުވާ ކަމަށެވެ. އަދި ޚުލާސާކޮށް ފާހަގަކުރާ ކަންކަން ހުކުމުގައި ފާހަގަކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖާބިރަކީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓްގައި ކާށިދޫ ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓެކެވެ. އޭނާގެ މައްޗަށް ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާއަކާއި ބަނގުރާ ގެންގުޅުމުގެ ދައުވާއެއް ވެސް ދައުލަތުން އުފުލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ