ދެވަނަ ބުރުގެ ވޯޓުލުން މިއަދު ނުބޭއްވުމަށް ސުޕްރީމް ކޯޯޓުން އަމުރުކޮށްފި
އިލެކްޝަންސް ކޮމިޝަނުން މިއަދު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނުބޭއްވުމަށާއި އެ އިންތިޚާބު އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ. ދެވަނަ ބުރުގެ ވޯޓުލުން މިއަދު ނުބޭއްވުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުމުގެ ކުޑައިރުކޮޅެއް ކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއުލާން ކުރައްވާފައި ވަނީ ދެވަނަ ބުރު މިއަދު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެހާ ހިސާބަށް ސުޕްރީމް ކޯޓުގެ އަމުރެއް ނެރެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭގެ ބައިގަޑިއެއްހާއިރު ފަހުން، ވަކި ފަނޑިޔާރެއްގެ ސޮއެއް ނެތި ހަމައެކަނި ސުޕްރީމް ކޯޓުގެ ތައްގަނޑު ޖަހާފައި ނެރުނު އަމުރުގައި ބުނެފައި ވަނީ އިންތިޚާބުގެ ދެވަނަ ބުރު މިއަދު ނުބޭއްވުމަށާއި އަންނަ ހޮނިހިރުދުވަހަކީ އެ އިންތިޚާބު ބޭއްވުމަށް އެންމެ އެކަށީގެންވާ ތާރީހު ކަމަށް ފެންނާތީ އެ ދުވަހު އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށާއި ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ. މި އަމުރުގައި އިތުރަށް ބުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓަށް ފަހު ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އިން ލިބިދޭ ހައްގުތައް ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ ފަދަ އެކަށީގެންވާ ވަގުތެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ. އެ އަމުރުގައި ވަނީ އިންތިޚާބުގެ ދެވަނަ ބުރު މިއަދު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް އަންނައިރު ވެސް ވެރިކަމުގައި ހުންނަވާނެ ބޭފުޅަކު އިންތިޚާބު ނުވެދާނެތީ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް ސުޕްރީމް ކޯޓުގެ ދެ ހުކުމަކުން އެކަމަށް ހައްލު ހޯދައިދީފައިވާނެ ކަމަށެވެ. ދެވަނަ ބުރުގެ ވޯޓުލުން ނުބޭއްވުމަށާއި އެ އިންތިޚާބު އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މޫސާ އަންވަރާއި އަހުމަދު ޣާލިބްގެ ނަމުގައި ހުށަހެޅި މައްސަލައިގަ އެވެ. އިއްޔެ ހުށަހެޅި މައްްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. މި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ވަކީލުންނާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ