މުބާރަކުގެ ޝަރީއަތް އަލުން ކުރަން ކޯޓުން އަންގައިފި
ގާހިރާ (ޖޫން 4) - މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އާންމުން މެރުމަށް އަމުރު ކުރި ކަމުގެ ތުހުމަތުގައި މުބާރަކްގެ މައްޗަށް ކުރާ ދައުވާގައި އޭނާ ކުށްވެރި ނުވާ ކަމަށް މިިދިޔަ ނޮވެމްބަރު މަހު ކުރި ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް އެ ގައުމުގެ އިސްތިއުނާފް ކޯޓަކުން މިއަދު އަންގައިފި އެވެ. މިއީ މި މައްސަލައިގެ ޝަރީއަތް މުބާރާތުގެ މައްޗަށް ހިންގާ ތިން ވަނަ ފަހަރެވެ. މުބާރަކުގެ 30 އަހަރުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސްވަންދެން ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުން މަރަން އަމުރު ކުރުމުގައި މުބާރަކުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް ކޮމާންޑަރުން ވެސް ކުށްވެރި ނުވާ ކަމަށް ނޮވެމްބަރު މަހު ހުކުމް ކުރި އިރު، ހަމަ މި މައްސަލައިގައި ކުރިން ވަނީ މުބާރާކުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް މުބާރަކްގެ މައްޗަށް ކުރިން ޝަރީއަތް ހިންގައި އުމުރަށް ޖަލަށްލުމަށް 2012 ގައި ހިންގި ޝަރީއަތުގައި އިދާރީ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބުނެ އިސްތިއުނާފީ ކޯޓުން ވަނީ އެ ޝަރީއަތް އަލުން ކުރުމަށް އަމުރުކޮށްފަ އެވެ. މި މުބާރަކު ކުށްވެރި ނުވާ ކަމަށް ނޮވެމްބަރު މަހު ނިންމީ މި މައްސަލަ އަލުން ބެލުމުންނެވެ. މި މައްސަލަައިގައި މުބާރަކާ ދެކޮޅަށް 160،000 ސަފުހާގެ ހެކި ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މުބާރާކުގެ ވެރިކަމާ ދެކޮޅަށް ތެދުވި މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ވަނީ 800 މީހުން މަރުވެފަ އެވެ. މި މައްސަލަައިގައި މުބާރާތުގެ ކުށެއް ނެތް ކަމަށް ކޯޓުން ހުކުމް ކުރި ނަމަވެސް މުބާރަކާއި އޭނާގެ ދެ ދަރިކަލުން، ކޮރަޕްޝަނުގެ ކުށުގައި ތިން އަހަރަށް ޖަލަށްލާން އެ ގައުމުގެ ކޯޓަކުން މިދިޔަ މެއި މަހު 9 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. ކޮރަޕްޝަނުގެ މައްސަލަތަކުގައި ވެސް ހުކުމް އިއްވީ އަލުން އެ މައްސަލަ ބެލުމަށް ފަހު އެވެ. އެއީ އިސްތިއުނާފް ކޯޓަކުން ފުރަތަމަ ކުރި ތިން އަހަރުގެ ޖަލު ހުކުމް ބާތިލްކޮށްފައިވާތީ އެވެ. ހުސްނީ މުބާރަކާއި ދެ ދަރިން ހައްޔަރުކުރީ 2011 ވަނަ އަހަރު މުބާރަކުގެ ވެރިކަން ވެއްޓުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އުމުރުން މިހާރު 87 އަހަރުގެ މުބާރަކު ޖަލަށް ހުކުމް ކުރި ނަމަވެސް އޭނާ ހޭދަ ކުރައްވަމުން ގެންދަނީ ސިފައިންގެ ހޮސްޕިޓަލެއްގަ އެވެ. މުބާރަކުގެ ފަހުން މިސްރުގެ ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ސަރުކާރު ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހު ސިފައިން ނުކުމެ ވައްޓާލައިފަ އެވެ. މިސްރުގެ ރައީސްކަމުގެ މަގާމުގައި މިހާރު ހުންނެވީ މުރްސީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުއްވި ސިފައިންގެ އޭރުގެ ވެރިޔާ އަބްދުލް ފައްތާހު ސީސީ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ