ރިޔާސީ އިންތިޚާބުގެ ކަވަރޭޖް، ނުފޮހެވޭ ހަނދާނަކަށް

އެއީ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ރެ އެވެ؛ އޭގެ މަހެއް ކުރިން ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށްދިނުމަށް އެދި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް އިއްވަން އޮތް ރެ އެވެ. ދެ ފަހަރަށް ފަސްކުރުމަށް ފަހު އެންމެ ފަހުން އެ ރޭ 9:00 ހުކުމް އިއްވުމުގެ މަޖިލިސް ފެށި އިރު ހުރިހާ ދިވެހިން ވެސް ތިބީ ކެތްމަދުވެފަ އެވެ. ރާއްޖޭގައި ރިޔާސީ އިންތިޚާބެއްގެ ނަތީޖާއާ މެދު ފުރަތަމަ ފަހަރަށް ކޯޓުން ގޮތެއް ނިންމާ ތާރީހީ ހުކުމާ މެދު ސުޕްރީމް ކޯޓުގެ ބޭރުގައި ތިބި "ހަވީރު"ގެ ހަތް ރިޕޯޓަރުން ވެސް ދިޔައީ ތަފާތު ގޮތްގޮތަށް ހިޔާލު ބަދަލުކުރަމުންނެވެ. "ހީވަނީ ޓީވީން ދައްކާ އެކި ކަހަލަ މުބާރާތްތަކުން ކަޓައިގެންދާ މީހާ އިއުލާންކުރާ ވަގުތުކޮޅު ހެން. އެހާ ވެސް ބޮޑަށް ހިތް އަވަސްވެފައި،" ކޯޓުގެ ކައިރީގައި ހުރެ އަލީ ޔޫސުފް، ވައިބާގައި ބުނެލި އެވެ. މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކަވަރޭޖްގެ ތެރޭގައި "ހަވީރު"ގެ ނޫސްވެރިން ކުރި ތަޖުރިބާގެ ކުޑަ މިންވަރެކެވެ. ކަަވަރޭޖްގެ ތެރޭގައި ނޫސްވެރިންގެ އިތުރުން ޓެކްނިކަލް ޓީމުން ބުރަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ނޫސްވެރިންނާއި ޓެކްނިކަލް ޓީމާއި މާކެޓިން ޓީމާއި އިދާރީ މުވައްޒަފުން ކޮންމެ ހަފްތާއަކު ހެން ބައްދަލުކޮށް، ކަވަރޭޖާ ބެހޭ މުހިއްމު ނިންމުންތައް ނިންމި އެވެ. އިންތިޚާބުގެ ނަތީޖާ ގެނެސްދޭނެ ވެބްސައިޓް ފަރުމާކުރާނެ ގޮތާއި އިސްތިހާރު ވިއްކާނެ އުސޫލުތައް ކަނޑައަޅައި، ހާއްސަ ރިޕޯޓްތައް ލިޔާނެ މައުލޫތައް ކަނޑައެޅި އެވެ. މައްސަލަ ބޮޑުވެ، ދިގުދެމިގެންދިޔަ އިންތިޚާބުގެ އެތައް މަހެއް ކުރިން، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަ ރިޕޯޓަރުން ހަމަޖެއްސި އެވެ. އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިތުރުން އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ކޮންމެ ފިޔަވަޅެއް، އެ ނޫސްވެރިން ބަލަމުން ދިޔައީ ފޫހިކަމެއް ނެތި އެވެ. ކެންޑިޑޭޓުންނާ ގުޅޭ ޚަބަރުތައް، އެ ނޫސްވެރިންގެ ބެލުމުގެ ދަށުން ގެނެސްދޭން ފެށުމާ އެކު އެންމެ އަވަހަށް ކެމްޕެއިންގެ ޚަބަރުތައް ގެނެސްދޭ މީޑިއާ އަށް "ހަވީރު" ވެގެން ދިޔަ އެވެ. ކެމްޕެއިންގެ ފޯރިއަށް ފަހު ސެޕްޓެމްބަރު ހަތެއްގެ އިންތިޚާބާ ކުރިމަތިލި އިރު "ހަވީރު"ގެ މުޅި ޓީމް ވަނީ އެންމެ ފުރިހަމައަށް ތައްޔާރުވެފަ އެވެ. ނަތީޖާ ގެނެސްދޭނެ ފުރިހަމަ ވެބްސައިޓެއް ޓެކްނިކަލް ޓީމުގެ ބުރަ މަސައްކަތުން ފަރުމާކުރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި "ހަވީރު"ގެ ވޮލަންޓިއަރުންނާ ބަރާބަރަށް ކޯޑިނޭޓް ކުރެވެމުން ދިޔަ އެވެ. ރަށްރަށަށް ދާ ނޫސްވެރިން އެ ރަށްރަށަށް ގޮސް، އަހުލުވެރިވެފައިވާ އިރު މާލޭގައި މަސައްކަތްކުރަމުން ދިޔަ ނޫސްވެރިން ވެސް ތިބީ ވޯޓު ލާ ދުވަހުގެ ޚަބަރުތައް އެންމެ އަވަހަށް، އެންމެ އިތުބާރާ އެކު ގެނެސްދިނުމަށް ތައްޔާރުވެގެންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ކާމިޔާބު ކަވަރޭޖުގެ އުފާވެރިކަމުން އަރައި ނުގަނެވި އުޅެނިކޮށް އެ އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެހެން ނަމަވެސް، ކަވަރޭޖްގެ ތެރޭގައި އުޅުނު ބުރަކަމާއި ވީ ވަރުބަލިކަން ހަނދާން ނައްތާލުމަށް ފަހު "ހަވީރު"ގެ ޓީމް އަނެއްކާވެސް ނުކުތީ އާ ހިތްވަރަކާ އެކު އެވެ. އިދިކޮޅު އެމްޑީޕީން މާލޭގައި ކުރަމުން ދިޔަ މުޒާހަރާތަކާއި ކޯޓުގެ ޝަރީއަތް ކުރިއަށްދާ ގޮތް ކައިރިން ބަލަމުން ދިޔަ އިރު އިލެކްޝަންސް ކޮމިޝަނުން ދަންވަރާއި ފަތިހު ބާއްވަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުންތަކަށް "ހަވީރު"ގެ ނޫސްވެރިން ބަރާބަރަށް ހާޒިރުވި އެވެ. ނިދުމަށް ވުރެ ރައްޔިތުންނާ ހަމައަށް އިންތިޚާބާ ގުޅޭ ޚަބަރުތައް ގެނެސްދިނުމަކީ ގައުމީ ވާޖިބެއް ކަމުގައި ދެކިގެންނެވެ. ކަނޑައަޅާފައިވާ ޑިއުޓީ ތާވަލަށް ބެލުމެއް ނެތި ހުރިހާ ނޫސްވެރިން ވެސް މަސައްކަތްކުރީ އެ އަޒުމުގަ އެވެ. ބާތިލްކުރި އިންތިޚާބާއި އޭގެ ފަހުން ބޭއްވި އިންތިޚާބުގެ ދެ ބުރުގެ ނަތީޖާ އެންމެ އަވަހަށް ގެނެސްދިން ބަޔަކަށް "ހަވީރު" ވުމުގެ ފަހަތުގައި ވަރަށް މުހިއްމު ބަޔަކު ތިއްބެވެ. އެއީ "ހަވީރު"ގެ އިންތިޚާބު ކަވަރޭޖުގައި މުޅި ރާއްޖެ އިން ބައިވެރިވި ދުއިސައްތައެއްހާ ވޮލަންޓިއަރުންނެވެ. އިންތިޚާބުގެ ނަތީޖާ އެންމެ އަވަހަށް ގެނެސްދިނުމަށް އެހީތެރިވުމުގެ އިތުރުން ވޮލަންޓިއަރުން އެތަކެއް ސަތޭކަ ފޮޓޯއެއް ފޮނުވި އެވެ. ވޯޓުގެ ނަތީޖާ ފޮނުވި އެވެ. އިންތިޚާބުގެ ކަންތައް ދިގުލައިގެން ދިޔަ ނަމަވެސް އެ ވޮލަންޓިއަރުން "ހަވީރާ" އެކު އިންތިޚާބު ނިމެންދެން ތިއްބެވެ. އާ އަހަރަކަށް ކުރިމަތިލާ އިރު ނޫސްވެރިކަމުގައި 2013 އަކީ ބުރަ އެކަމަކު އުފެއްދުންތެރި ލިއުންތަކެއް ކިއުންތެރިންނާ ހަމައަށް ގެނެސްދެވުނު އަހަރެކެވެ. އެއީ މުޅި "ހަވީރު"ގެ ތާރީޚުގައި ވެސް ނޫސްވެރިންނާއި ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުން އެންމެ ބުރަކޮށް އުޅުނު އަހަރު ވެސް މެ އެވެ. އެކަހަލަ އަހަރެއް، ޚާއްސަކޮށް ގައުމުގެ އެންމެ ބޮޑު އިންތިޚާބަށް ވާނުވާ ނޭނގި މުޅި ގައުމު ހުއްޓުން އެރި އަހަރެއް އަދިއެއް ނާދެ އެވެ. އެހެންކަމުން މި ނޫހުގެ 35 އަހަރު މުވައްޒަފުން ފާހަގަކުރާ އިރު އަބަދުވެސް ހަނދާނުގައި ހުރީ އެ ބުރަ މަސައްކަތްތަކެވެ. ކިއުންތެރިންގެ ހައްގުގައި "ހަވީރު" ގެ މުވައްޒަފުން އަބަދުވެސް އަމިއްލަ އުފާ ގުރުބާންކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ