ސުޕްރީމް ކޯޓުން ސުއޫދު ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ފޮނުވައިފި
ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދަށް ޝަރުއީ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތަށް ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ޕޮލިހަށް ފޮނުވައިފި އެވެ. އޭނާ ސަސްޕެންޑް ކުރީ ރިޔާސީ އިންތިހާބު ބާތިލްކުރަން އެދި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑްކޮށް މައްސަލަ ޕޮލިހަށް ފޮނުވިކަން ބުރާސްފަތި ދުވަހު އެންގެވީ އޭނާ ސުޕްރީމް ކޯޓަށް ހާޒިރުކުރުމަށް ފަހު އެވެ. ރިޔާސީ އިންތިހާބު ބާތިލުކުރަން ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލުގެ ޓީމުގައި އިސްކޮށް ހުންނެވި ސުއޫދަށް، އެ މައްސަލާގައި ވަކާލާތު ނުކުރެއްވޭ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 24 ގައި ވެސް ސަސްޕެންޑްކުރެއްވި އެވެ. "އެ މައްސަލަ ޕޮލިހަށް ފޮނުވީ އިއްޔެ [ބުދަ ދުވަހު] ކަމަށް ސުޕްރީމް ކޯޓުން ބުނި. އަދި އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް އަޅުގަނޑު ސަސްޕެންޑްކޮށްފައި ވަނީ އެ މައްސަލަ ތަހްގީގުކޮށް ނިމެންދެން،" ސުއޫދު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބު ފަސްކުރަން އަމުރު ނެރުނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ސުއޫދު ސޯޝަލް މީޑިއާގައި ވަނީ ވާހަކަ ދައްކަވައިފަ އެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅި މައްސަލާގައި ސުއޫދުގެ އިތުރުން އެ މައްސަލާގައި ތަދައްޚުލްވި އެމްޑީޕީގެ ދެ ވަކީލުން ކަމަށްވާ ހިސާން ހުސެއިން އާއި ހަސަން ލަތީފަށް އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ވަކާލާތު ނުކުރެއްވޭނެ ގޮތަށް އޭރު ސަސްޕެންޑްކުރެއްވި އެވެ. ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ތުހްމަތުކޮށް ހިސާނާއި ހަސަން ލަތީފް އޭރު ޖޭޕީން ހުށަހެޅި މައްސަލާގައި ވަކާލާތު ނުކުރެއްވޭ ގޮތަށް ސަސްޕެންޑް ކުރެއްވި ނަމަވެސް އިތުރު ސަސްޕެންޝަނެއް ނާދެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން މިއަދު ކޯޓަށް ހާޒިރުކޮށް ވަނީ ނަސޭހަތް ދެއްވައިފަ އެވެ. ހަސަން ލަތީފް ވިދާޅުވި ގޮތުގައި އޭނާ އަށް ސުޕްރީމް ކޯޓުން މިއަދު ދެއްވީ އިންޒާރެކެވެ. އަދި އެމްޑީޕީގެ ޕްރައިމަރީ މާދަމާ ބާއްވާއިރު، ކުއްލިއަކަށް މިއަދު މެންދުރު އޭނާ ހާޒިރު ކުރެއްވުމަކީ ސިޔާސީ ކަމެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ހިސާން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ތުހްމަތުކުރި ކަންކަމުގެ ތަހްގީގު ސުޕްރީމް ކޯޓުން ކުރިއަށް ގެންދެވުމުގައި ބެއްލެވި އިޖުރާތްތަކާއި ހެކި ހޯއްދެވި ގޮތާއި އެ ހެއްކަކީ ސައްހަ އެއްޗެހިކަން ބެއްލެވި ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ބައެއް ކަންކަން ސާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ހިސާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ