ސީއެސްސީ އަށް ފާސްކުރި ދެ ނަމުގެ ތެރޭގައި އެޗުއާރުސީއެމްގެ ކުރީގެ މެމްބަރު ޝަމީމް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ދެ ބޭފުޅަކަށް ރުހުން ދިން އިރު އޭގެ ތެރޭގައި އެޗުއާރުސީއެމްގެ ކުރީގެ މެމްބަރު ޑރ. އަލީ ޝަމީމް ހިމެނިވަޑައިގެންފި އެވެ. ދެން ރުހުން ލިބިވަޑައިގަތީ އެންމެ ފުރަތަމަ ސީއެސްސީ އުފެއްދިއިރު މެމްބަރުކަން ކުރެއްވި ޒަކަރިއްޔާ ހުސައިނެވެ. މިއަދުގެ ވޯޓުގައި ރުހުން ލިބިވަޑައިނުގެންނެވި ބޭފުޅުންގެ ތެރޭގައި ސީއެސްސީގައި މި ވަގުތު ތިއްބެވި ދެ މެމްބަރުން ކަމަށްވާ އަހުމަދު ހަސަން ދީދީ (ރެޑިއަމް) އާއި ހަދީޖާ އާދަމް ހިމެނެ އެވެ. އޭގެ އިތުރުން އެޗުއާރުސީއެމްގެ ކުރީގެ ރައީސް މަރިޔަމް އަޒުރާ އަށް ވެސް އެކަށީގެންވާ ވަރަށް ވޯޓު ލިބިވަޑައެއް ނުގަންނަވަ އެވެ. މިއަދުގެ ވޯޓުގައި ޝަމީމަށް 58 މެމްބަރުން، އަދި ޒަކަރިއްޔާ އަށް 57 މެންބަރުންގެ ވޯޓު ދެއްވި އެވެ. ރެޑިއަމްގެ ނަން ފޭލްވީ 17 ވޯޓު ލިބިވަޑައިގަތުމުންނެވެ. އަޒްރާ އަށް 15 ވޯޓު އަދި ޚަދީޖާ އަށް 16 ވޯޓު ލިބިވަޑައިގަތުމުން ސީއެސްސީ އަށް ހޮވިވަޑައިގަންނަވާ ގޮތެއް ނުވި އެވެ. ދެން ވޯޓަށް ހުށަހެޅި ނަންތަކުގެ ތެރޭގައި ހިމެނޭ ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ސ. ހިތަދޫ، ރަށްދެބައިގޭ އަބްދުﷲ ނަސީރަށް ލިބިވަޑައިގަތީ 19 ވޯޓެވެ. އަދި މ. ކޮކާ ހަނދުވަރު، މަރިޔަމް ސައީދާ އިބްރާހީމަށް 15 ވޯޓު ލިބިވަޑައިގަތެވެ. މިއަދު ވޯޓަށް އެހީ ހަދީޖާ އާއި ރެޑިއަމްގެ މެމްބަރުކަމުގެ މުއްދަތު ހަމަވުމުންނާއި ސީއެސްސީގެ ރައީސަކަށް ކުރިން ހުންނެވި ޑރ. މުހައްމަދު ލަތީފު ގައުމީ ޔުނިވަސިޓީ އަށް ބަދަލުކުރުމުން ހުސްވި ތިން މަގާމަށެވެ. ލަތީފުގެ މުއްދަތު ވެސް އަނެއް ދެ ބޭފުޅުންނާ އެކު ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ