އަބްދުﷲ ހަމީދު ހައްޔަރު ކުރަން އަމުރެއް ނެތް: ސީޕީ

ރައީސް މައުމޫންގެ ކޮއްކޯފުޅު، ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އެއްވެސް އަމުރެއް ކޮށްފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ، ހަމީދު މިއަދު މާލެ ވަޑައިގެންފައި ވަނިކޮށް ވީނިއުސްއިން ސުވާލު ކުރުމުން ކޮމިޝަނާ ރިޔާޒު ވިދާޅުވީ އެއްވެސް ފަރާތަކުން ހަމީދާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ފުލުހުންގެ މައްޗަށް އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހަމީދުއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައިވާ ދައުވާއަކާއި ގުޅިގެން މީގެ ކުރިން އަބްދުﷲ ހަމީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ދެފަހަރެއްގެ މަތިން އަމުރެއް ނެރުއްވާފައިވޭ ނޫންތޯ ތަކުރާރުކޮށް ދެންނެވުމުން ވެސް ކޮމިޝަނާ ވިދާޅުވީ "މީގެ ކުރިން އަމުރެއް ނެރުއްވާފައި އޮތުމަކީ މިހާރު ނެރެފައި އޮތުމެއް ނޫންދޯ" އޭ އެވެ.
ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަދި ކުރީގެ ވަޒީރު، މިހާރު ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން ހަމީދުގެ ބައްޕާފުޅު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މެއްޗެއް އަމުރެއް ނެރެފައި ނުވާ ކަމަށް ރިޔާޒު ވިދާޅުވި ނަމަވެސް މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ތުހުމަތުގައި ހަމީދާއި އިތުރު 15 މީހަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް 2011 ވަނަ އަހަރުގެ ތެރޭގައި ދެ ފަހަރަށް އަމުރުކޮށްފަ އެވެ. ހަމީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެންމެ ފަހުން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ސެޕްޓެމްބަރު 12، 2011 ގަ އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގެ ދައުވާ ހަމީދުގެ މައްޗަށް ކުރަން ހުށަހެޅީ 2009 ގައެވެ. އެ މައްސަލައިގައި ހަމީދު އެއްވެސް ފަހަރަކު ކޯޓަށް ވަޑައިގެންފައި ނުވާތީ ހަމީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކަށް އަންގާފަ އެވެ.
ރައީސް މައުމޫންގެ ވެރިކަން ނިމުމާއެކު ހަމީދު މިހާތަނަށް ދިރިއުޅުއްވީ ސްރީލަންކާގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ