ވާދަވެރި އިންހިތާބުތަކުގެ ސަބަބުން ޕާޓީ ރޫޅިގެން ނުދާނެ: ރައީސް މައުމޫނު

ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ބޭއްވުނު ވާދަވެރި އިންތިހާބުތަކުގެ ސަބަބުން ޕާޓީ ރޫޅިގެން ދާނެކަމަށް ބަޔަކު ބުނި ނަމަވެސް ޕާޓީ ރޫޅިގެން ނުދާނޭކަމަށް ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ސަބަބުން އެ ޕާޓީގައި ވަރުގަދަ ބިންގަލެއް އެޅިގެން ގޮސްފައި ވާކަމަށެވެ. އަދި މި އިންތިހާބުގެ ސަބަބުން އެ ޕާޓީގެ ތެރޭގައި ބަދަހިކަން އިތުރުވެ، އެޅިގެން ދިޔަ ބިންގަލުގެ މަތީގައި ރީތި ބޮޑު "އިމާރާތެއް" އެޅިގެން ދާނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އިންތިހާބުތައް ނިމިގެން ދިޔައީ ވަރަށް އޮމާން ކޮށް. ވަރަށް ރީތިކޮށް. ވަރަށް ހަރުދަނާކޮށް. އެއްވެސް ކަހަލަ ބައިބައިވުމެއް ނުއުފެދި. މި ޖަލްސާގެ ކުރިން ވަރަށްގިނަ ބޭފުޅުން ޕާޓީގެ މެމްބަރުން އަޅުގަނޑާ ސުވާލު ކުރެއްވި ކިހިނެއް ހޭ ވާނީ. މިހާ ވާދަވެރިކޮށް ދަންވަންޏާ ޕާޓީ ރޫޅިގެން ނުދާނެހޭ. އަދި މި ރާގުގަ މީޑިއާގަ ހުރިހާ ލިޔުންތަކެއްވެސް ހުރީ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ޕީޕީއެމްއަށް ވޭތުވެދިޔަ ތަނުގައި ވަރަށް ގިނަ ކާމިޔާބީތައް ލިބުނު ކަމަށާއި ނަމަވެސް، އާ ލީޑަޝިޕާ އެކު ޕީޕީއެމްއިން ވިސްނަންވީ އާ ކާމިޔާބީތަކެއް ހޯދުމަށް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމްގެ ހުރިހާ މެމްބަރުން ގުޅިގެން ޕާޓީއަށް ކާމިޔާބު ހޯދުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސް މައުމޫނު ވަނީ ގޮވާލައްވާފައެވެ.
ރައީސް މައުމޫނު ވިދާޅުވީ ނާކަމިޔާބީ އަކީ ނިމުމެއް ނޫން ކަމަށެވެ. އަދި އިންތިހާބުތަކުގައި ވާދަ ކުރައްވައިގެން ނާކަމީޔާބީ އާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް މައުމޫނު ވަނީ ހިތްވަރު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ