އަގުހެޔޮކޮށް ވިއްކާ ފްލެޓުތަކުގެ މަސައްކަތް އަހަރުގެ މެދުތެރޭގައި ފަށަނީ

އަގުހެޔޮކޮށް ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން 1000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތުގެ ދަށުން 2 މޮޑެލްއަކަށް ފްލެޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އެއީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަކީ އަގުހެޔޮކޮށް ފްލެޓް ގަނެވޭ ގޮތަށް ތަރައްޤީކުރާ ފްލެޓްތަކެވެ. އަދި ރެންޓް-ޓު-އޯން މޮޑެލް އަކި މަހުން ަހުން ކުލި ދައްކައި ނިންމައިގެން މިލްކުވެވޭގޮތަށް ތަރައްޤީ ކުރާ ފްލެޓްތަކެވެ. ސަރުކާރުން ވަނީ މި ދެ މޮޑެލްއިންވެސް ފްލެޓްއަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ އަގުހެޔޮކޮށް ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގައި ފްލެޓްތައް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިމަހުގެ 31ވަނަ ދުވަހާހަމައަށް އެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވީ އެ މަޝްރޫޢުއަކީ ބީއެމްއެލްއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުގެ އިތުރުން އަގު ހެޔޮކޮށް ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލެ 3ވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ މަޝްރޫޢުއެއްކަމަށެވެ. އަދި އެ މަޝްރޫޢު ކުރިއަށްގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅި ކުންުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އަންނަ މަހުގެ ނިޔަލަށް ބިން ހަވާލުކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު މިއަހަރުގެ މެއި ނުވަތަ ޖޫން މަހު ފްލެޓްތައް އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
"ތާވަލު އޮތީ މި ދައުރުގެ ތެރޭގައި 2028 ވަނަ އހަރުގެ ޖޫން މަހަށް ބީއެމްއެލްއިން ތަރައްޤީ ކުރާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުން. އަދި އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ 1000 ހައުސިން ޔުނިޓްގެ މަސައްކަތް 2028 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެ. 2028 ވަނަ އަހަރަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުންނަށ ްލިބޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުއިން ލިބޭ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވޭނެ އަހަރަކަށް ވާނެ." ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.
އަގުހެޔޮކޮށް ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު 5 ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއިން ކޮންމެ ޕެކޭޖަކީ 200 ހައުސިންގ ޔުނިޓްގެ ގޮތުގައެވެ. އެއް ކުންފުންޏަކަށް ގިނަވަގެން ދެވޭނީ 400 ހައުސިންގ ޔުނިޓްގެ މަސައްކަތެކެވެ. ސަރުކާރުން މަސައްކަތް ކުރައްވަނީ މި ޕްރޮޖެކްޓްގައި ވީހާވެސް ގިނަ ދިވެހި އަމިއްލަ ކުންފުނިތަކަށް ފުރުޞަތު ހޯދައިދިނުމަށެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި 3 ކޮޓަރިއާއި 2 ކޮޓަރީގެ އެޕަރޓްމަންޓްތައް ހިމެނޭއިރު، 3 ކޮޓަރީގެ އަގަކީ އެންމެ ބޮޑުވެގެން 2.3 މިލިޔަން ރުފިޔާއެވެ. އަދި 2 ކޮޓަރި ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިޔަން ރުފިޔާއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން 7900 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް އެކި މަރުޚަލާގައި ދަނީ ކުރިއަށެވެ. އޭގެ ތެރެއިން ބީއެމްއެލް އެފޯޑަބަލްއިން އިމާރާތް ކުރާ 3260 ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ވަނީ ފަށާފައެވެ. އެއީ ހުޅުމާލެ 3 ވަނަ ފިޔަވަހީފައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަ 1,224 ހައުސިންގ ޔުނިޓުގެ މަސައްކަތާއި ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިންގ ޔުނިޓްގެ މަސައްކަތެވެ. މީގެ އިތުރަށްވެސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 546 ހައުސިން ޔުނިޓްއާއި ހުޅުމާލެ ފޭސް 3 ގައި 1190 ހައުސިން ޔުނިޓް އިމާރާތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ