މާފަންނު ވެސްޓްޕާކް ރެސްޓޯރަންޓް ސަރަހައްދުގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މ.ފެއަރީކޯނާ އަލީ ޝިފާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކުރާ މީހުންގެ މައްޗަށް ވަރަށް އަވަހަށް ހުކުމް އިއްވޭނެ ކަމަށް އެމައްސަލަ ބަލާ ގާޒީ ވިދާޅުވެއްޖެއެވެ.
ދައުލަތުން ކޮށްފައިވާ ދާއުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވެވި އަޑު އެހުމުގައި އޮތީ ދައުވާ ލިބޭ ހަ މީހުންނާއި ދައުލަތުން ހުލާސާ ބަޔާން އިއްވުމެވެ. އަދި މިއީ މިމައްސަލައިގެ ފަހު އަޑުއެހުމެވެ. ދެންބޭއްވޭނީ ހުކުމް އިއްވާ ޝަރީއަތް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ މިމައްސަލަގައި ދައުވާ ކުރާފަރާތް ތަކުން ހެކިންނަށް ބިރު ދައްކާފައިވާ ކަމަށެވެ. އަދި މިމައްސަލާގެ ހުކުމް އިއްވާއިރު ތަހުގީގުގައި އެމީހުން ދީފައިވާ ބަޔާންތަކަށް ރިއާޔަތްކޮށް، އެބަޔާންތަކުގައި އެމީހުން ކޮށްފައިވާ ކުށް ސާފުކޮށް ކިޔާދީފައިވާތީ އޭގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމައިދިނުމަށް އެދޭކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އަދި ދައުވާ ލިބޭ މީހުންގެ ތެރެއިން ޝައިފަންގެ ޑީއެންއޭ އާއި އަލީ ޝިފާންގެ ޑީއެންއޭ އާ ދިމާވާތީ އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމުގައި ބޭނުންކުރެވޭނެ ހަރުދަނާ ގަރީނާއެއް ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ޝިފާން މަރާލި ދުވަހު ޝައިފަން އޭނާއަށް ވަޅިން ހަމަލާދިން މައްޒަރު ދުށްކަމަށް ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައިި މީހަކު ހެކިބަސްވެސް ދީފައެވެ.
ދިފާއީ ވަކީލު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ މަރުގެ މައްސަލަތަކަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާންޖެހޭ މައްސަލަތަކެއް ކަމަށް ވާއިރު އެމިންވަރަށް އެމައްސަލަ ސާބިތު ކުރެވޭވަރަށް ދައުލަތަށް ހެކިހުށަހެޅިފައިނުވާކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ޝައިފަންގެ ކިބައިން ބައެއް މައުލޫމާތު ސާފުކޮށްފައެވެ. އެގޮތުން ޝިފާންއަކީ ރައްޓެއްސެއްތޯއާއި ޝިފާންއާއި ސަލާމްކޮށް ބައްދާ ހަދަންތޯ އެއްސެވިއެވެ. ޝައިފަން ބުނީ ޝިފާންއަކީ ރައްޓެއްސެއް ކަމަށާއި އޭނާއާއި ސަލާމްކޮށް ބައްދާހަދާފައިވެސް ވާނެ ކަމަށެވެ. ނަމަވެސް ޝިފާން މަރާލި ދުވަހު އޭނާ އެއްގޮތަކަށްވެސް ދެކެފައި ނުވާކަމަށްވެސް ގާޒީ ކުރެއްވި ސުވާލާއިގުޅިގެން ޝައިފަން ބުންޏެވެ.
އަލީ ޝިފާން މާރާލި ކަމަށް ދައުލަތުން ދައުވާ އުފުލާފައިވަނީ މ،ދިންމަނަ އަބްދުﷲ ތިލްމީޒާއި މާލެ ދަފްތަރު 3912 މުހައްމަދު ޝައިފަން އާއި މ.ސިލްވާނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީ އާއި ޅ.ކުރެންދޫ މާފަހި މުހައްމަދު އާސިފްއާއި މ.ނަލަހިޔާ މަންޒިލް އަލީ ނަބީހު އާއި އަދި ބ.ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއް ރަހުމާން މައްޗަށެވެ.
މިމައްސަލާގައި ދައުވާ ރައްދުވާ ޝައިފަން ފިޔަވައި އެހެން މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ދައުލަތަށް ހުށަހެޅިފައެއް ނުވެއެވެ.
އަލީ ޝިފާން މަރާލި މައްސަލާގައި ދެންއޮންނަ ޝަރީއަތުގެ މަޖިލީހުންގައި ހުކުމް އިއްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ