މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް: ކޮމަންޑޫ ސްކޫލާއި ވިލާ ޗެމްޕިއަންކަން ހޯދައިފި
މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ށ. އަތޮޅު ތައުލީމީ މަރުކަޒު (ށ.ކޮމަންޑޫ) ހޯދިއިރު، އަންހެން ބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އިއްޔެ ހޯދައިފި އެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލްގައި ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަތުން ކޮމަންޑޫ އިއްޔެ މޮޅުވީ 3- 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25- 20 އިން ސީއެޗްއެސްއީ ހޯދި ނަމަވެސް، ކޮމަންޑޫ މެޗުން މޮޅުވީ ދެން ކުޅުނު ތިން ސެޓު 19- ،25 15- 25 އަދި 20- 25 އިން ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކޮމަންޑޫގެ ޝައުކަތު ޝާމެވެ. މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ކޮމަންޑޫގެ ހުސެއިން އަޒްމީ އާއި އަލީ ފާއިގާއި ޝައުކަތާއި ސީއެޗްއެސްއީގެ އަސްޖައު އަބްދުﷲ އާއި މަހްމޫދް ޝަހީމް އަދި ފ. އަތޮޅު ތައުލީމީ މަރުކަޒު (ފ. ފީއަލީ) އަލީ ޝަހީމެވެ. މުބާރާތުގެ އަންހެން ބައިގެ ފައިނަލްގައި އިއްޔެ ގަލޮޅު މަދަރުސާ އަތުން ވިލާ މޮޅުވީ 3- 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ވިލާ އިން ގެންދިޔައީ 25- 21 އަދި 25- 17 އިންނެވެ. ތިން ވަނަ ސެޓު ގަލޮޅުން 19- 25 އިން ގެންދިޔަ ނަމަވެސް، ވިލާ މެޗުން މޮޅުވީ ހަތަރު ވަނަ ސެޓު 25- 23 އިން ގެންގޮސްގެންނެވެ. އަންހެން ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ގަލޮޅު މަދަރުސާގެ ސަމާހަތު އަބްދުލް މަސީހާއި މަރިޔަމް އަޒީފާ އާއި ވިލާގެ ފާތިމަތު ރީމާ މުހައްމަދާއި ހައްވާ މުޒްނާ އާއި އެ ޓީމުގެ ފާތިމަތު ރާނިޔާ އަދި ސީއެޗްއެސްއީގެ ފާތިމަތު ޝަފާ ހުސެއިނެވެ. މުބާރާތުގެ އަންހެން ބަޔާއި ފިރިހެން ބަޔަށް ބަލައިގެން ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ ވިލާގެ ކޯޗު ސިނާން ހުސެއިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ