ރާއްޖޭގައި އޮތީ "ކޮރު" ގާނޫނުއަސާސީއެއް: މެމްބަރު ތޯރިގް
މިހާރު އަމަލުކުރާ ގާނޫނުއަސާސީ އަކީ ދުނިޔޭގައި ނެތް ވަރުގެ މޮޅު އެއްޗެއް ކަމަށް ބައެއް ބޭފުޅުން ކިތަންމެ ވަރަށް އަޑަށް ބާރުލައްވާފައި ވިދާޅުވިޔަސް، އެއީ "ކޮރު" ގާނޫނުއަސާސީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ ގާނޫނުއަސާސީގައި ވާ ލޯކަލް ކައުންސިލްތަކުގެ ބާބެވެ. ތޯރިގް ވިދާޅުވި ގޮތުގައި އެ ބާބު އެކުލަވާލާފައިވާ ގޮތުން، "ގައުމު ހިނގައި ގަންނަން" ވަނީ އުނދަގޫވެފަ އެވެ. "އެންމެ ދެރަވެގެން ހޮވިފައިވާ ކައުންސިލަރުން ވެސް ގަބޫލުކުރޭ މިއީ މިކަން އޮންނަން ޖެހޭ ގޮތް ނޫން ކަމަށް،" އޭނާ ވިދާޅުވި އެވެ. ތޯރިގް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އެ ބޭފުޅެއްގެ ތައުލީމީ ފެންވަރު ހިމަނަން ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތައުލީމީ ފެންވަރު ވެސް އެނގެން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު މިހެން ދެންނެވީމާ ބައެއް ބޭފުޅުން ހިތަށްއަރާފާނެ، އެހެން ގައުމެއްގައި ނޯވެެއޭ ތައުލީމީ ފެންވަރެއް. އެކަމަކު އަޅުގަނޑުމެން މި މިންތައް ކަނޑައަޅާއިރު، މި ކަންކަމަށް ވިސްނާލަން ޖެހޭ،" ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައަޅަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އިސްލާހަށް ތާއީދުކުރައްވާ ކަމަށާއި އިސްލާހު މަޖިލީހުން ފާސްކޮށްދޭން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ