ކޯޓުން ދެ އަމުރެއް ނެރެފައި ވަނިކޮށް ކެންގަރޫގެ ކިޔެވުން މާދަމާ ފަށަން ތައްޔާރުވަނީ
ސ. ހިތަދޫ ޕަބްލިކް ލައިބްރަރީގައި ހިންގަން އުޅޭ ކެންގަރޫ ކިޑްސް ޕްރީ ސްކޫލްގައި އެއްވެސް މަސައްކަތެއް ނުކުރަން ކޯޓުން ދެ އަމުރެއް ނެރެފައި ވިޔަސް މާދަމާ އެ ސްކޫލްގައި ކިޔަވައިދޭން ފަށަން ތައްޔާރުވަމުން އެބަ އާދެ އެވެ. ސ. ހިތަދޫ ކޯޓުން އަމުރު ނެރެފައި ވަނީ ސ. ހިތަދޫ ޕަބްލިކް ލައިބްރަރީ ހިންގަމުން ދިޔަ ޝަރަފުއްދީން ބިލްޑިންގުގައި ކެންގަރޫ ކިޑްސް ޕްރީ ސްކޫލް ހިންގަން އައްޑޫ ސިޓީ ކައުންސިލުން ބަޔަކަށް ދީފައި ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ޝަރީއަތުގައި ވަކި ގޮތެއް ނިމެންދެން އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މައްޗަށާއި އެތަނުގައި ޕަބްލިކް ލައިބްރަރީ ހިންގުން ފިޔަވައި އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު ނުދިނުމަށް ހިތަދޫ ޕޮލިސް ސްޓޭޝަންގެ މައްޗަށް ވެސް ވަގުތީ އަމުރެއް ނެރެފައިވެ އެވެ. އެކަމަކު ކެންގަރޫ ކިޑްސް އާއި އައްޑޫ ސިޓީ ކައުންސިލުން ވެސް ބުނީ އެ ސްކޫލުގެ ކިޔެވުން މާދަމާ ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ކޯޓުން ކައުންސިލް އިދާރާގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި ވަނީ ޑިސެމްބަރު ،25 2011 ގަ އެވެ. އަދި އެ އަމުރު އިސްތިއުނާފް ކުރުމަށް ކައުންސިލުން ކޯޓަށް ހުށަހަޅާފައި ވަނީ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ކޯޓުގެ ވަގުތީ އަމުރު އިސްތިއުނާފް ކުރުމަށް ކައުންސިލުން ހައި ކޯޓަށް ހުށަހަޅައި، ސްކޫލް ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ދާތީ މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެކަން ހުއްޓުވައި ދިނުމަށް ދެވަނަ ފަހަރަށް ވަގުތީ އަމުރެއް ވެސް ނެރެދިނުމަށް އެދިފަ އެވެ. އެކަމާ ގުޅިގެން މިދިޔަ ބުދަދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ނަފީސް ނެރުއްވި ވަގުތީ އަމުރުގައި ބުނެފައި ވަނީ ކޯޓުން ސިޓީ ކައުންސިލްގެ މައްޗަށް ނެރުނު ވަގުތީ އަމުރަށް އަމަލުނުކޮށް އެ މަސައްކަތް ކުރިއަށް ގެންދާތީ އަމުރުގައިވާ ކަންތައްތައް ތަންފީޒު ކުރެވޭނެ ގޮތް ހައްދަވައި ދެއްވުން އެދި ދެވަނަ ފަހަރަށް ހިތަދޫ ބާރޫޒުގޭ މުހައްމަދު އާދިލް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ޝަރަފުއްދީން ބިލްޑިންގުގައި މި ވަގުތުން ފެށިގެން ކުރަމުން އަންނަ މަސައްކަތް ހުއްޓުވުމަށާއި ޝަރީއަތް ނިމެންދެން އެ އިމާރާތުގައި ޕަބްލިކް ލައިބްރަރީ ހިންގުން ފިޔަވައި އެއްވެސް މަސައްކަތެއް ނުވަތަ ހިދުމަތެއް ވެސް ދިނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް އައްޑޫ ހިތަދޫ ޕޮލިސް ސްޓޭޝަނަށް އަންގައި އަމުރުކުރާ ކަމަށް ބުނެފައިވެ އެވެ. އެ އަމުރުކުރި ސަބަބަކީ ޝަރީއަތުން ކަންކަމާ ގުޅޭ ގޮތުން ހުކުމްކުރުމާއި އަމުރުތައް ނެރުމަކީ ގާނޫނު އަސާސީން ޝަރުއީ ކޯޓްތަކަށް ދީފައިވާ ބާރަކަށް ވާތީ ޝަރީއަތުން ކުރާ މިފަދަ އަމުރުތަކަށް އަމުރު ރައްދުވާ ފަރާތްތަކުން އަމަލުނުކުރާ ކަމަށްވާ ނަމަ އޭގެ ސަބަބުން މާއްދީ ގޮތުން އެކަމަކާ ގުޅޭ ކޮންމެ ފަރާތަކަށް ވެސް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ޝަރީއަތަށް ގަބޫލްކުރެވޭތީ ކަމަށް ބުނެފައިވެ އެވެ. މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ވަގުތީ އަމުރު އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށް ދަށުގެ ކޯޓަކުން ދެވަނަ ފަހަރަށް މަސައްކަތް ހުއްޓުވުމަށް އަމުރު ކުރެވޭނެ ކަމަކަށް ގަބޫލްނުކުރައްވާ ކަމަށެވެ. އެހެންވެ މާދަމާ ސްކޫލް ހުޅުވުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ތިން ފަރާތެއް ގުޅިގެން އައްޑޫގައި ހުޅުވާ ފުރަތަމަ ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ މަސައްކަތުގައި އުޅުއްވަނީ ދި އައިލެންޑާސް މޯލްޑިވްސްގެ ޗެއާމަން އަދި މެނެޖިން ޑިރެކްޓަރު އަބްދުއްރަޝީދް (އަބްސީ) އާއި ހިތަދޫގައި އައިއެމްޑީސީގެ ނަމުގައި ހޮސްޕިޓަލެއް ހިންގުމުގެ މަސައްކަތުގައި ވެސް ހިއްސާވާ މަރިޔަމް ޝަކީލާގެ އިތުރުން ސޯބެގެ އަނބިކަނބަލުން ޝިއާރާ މުހައްމަދުދީދީ އެވެ. ޝިއާރާ ވިދާޅުވީ ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ސްކޫލުގެ ކިޔެވުން މާދަމާ ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވެސް މިހާރު ވެފައިވާ ކަމަށެވެ. އެގޮތުން މާލެ އިން ޓީޗަރުން ވެސް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މާދަމާ ސްކޫލް ހުޅުވުމަށް. ސްކޫލުގައި ނިންމަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ނިމިފައި. އެތަނުގައި ކިޔެވުން ފެށޭ ގޮތް ނުވެއްޖެ ނަމަ ވަރަށް ގިނަ ކުދިންތަކެއްގެ ހައްގުތަކެއް އަނެއްކާވެސް ގެއްލިގެން ދާނީ،" 40 އަށް ވުރެ ގިނަ ކުދިންނާ އެކު ހުޅުވާ ސްކޫލާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ. މި މައްސަލަ ކޯޓަށް ވެއްދި އާދިލް ބުނީ ކޯޓުން ނެރުނު އަމުރަށް ކައުންސިލުން އަމަލުނުކޮށް މަސައްކަތް ކުރިއަށް ގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ރައްޔިތުން ހޮވާފައިވާ ކައުންސިލަކުން ޝަރީއަތުން ނިންމާ ނިންމުންތަކަށް އަމަލު ނުކުރުމަކީ ރައްޔިތުންނަށް ދެއްކޭ ވަރަށް ނުބައި ނަމޫނާއެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ފުލުހުންގެ މައްޗަށް ނެރުނު އަމުރަށް ފުލުހުން ވެސް އެކަށީގެންވާ ގޮތަށް އަމަލުނުކުރާ ކަމަށް އާދިލް ބުނެ އެވެ. އޭނާ ބުނީ ކައުންސިލުން ކޯޓް އަމުރަށް ބޯ ނުލަނބައި، މި މައްސަލާގައި ކުރިއަށް ދިޔަ ނަމަވެސް ގަދަބާރު ދައްކައިގެން އެކަން ހުއްޓުވަން އެއްވެސް ބަޔަކު ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނުގެ ތެރެއިން މިކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ